ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ހަތަރުވަނަ ސައިކަލްގައި ރާއްޖެ ތަމްސީލު ކުރައްވާނީ ބަންޑާރަނައިބު އަހުމަދު އުޝާމްއާއި، ހޯމް މިނިސްޓަރ އަލީ އިޙްސާން އިތުރުން، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމްކަމަށް އޭޖީ އޮފީހުން ބުނެފިއެވެ.
ޔޫޕީއާރްގެ ހަތަރުވަނަ ސައިކަލްގައި، ދިވެހިރާއްޖެ ރިވިއުކުރުން ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހުގައި ބުދަ ދުވަހު ކުރިއަށް ގެންދާއިރު، ޔޫ.ޕީ.އާރު. ގެ ކޮންމެ ސައިކަލްއެއްގައި، އޭގެ ކުރީ ސައިކަލްގައި އެ ޤައުމަކަށް އެހެން ޤައުމުތަކުން ހުށަހަޅާފައިވާ ކަންކަން ތަންފީޛުކުރަމުންދާ މިންވަރާއި، އެ ހުށަހެޅުންތައް ތަންފީޛުކުރުމަށްޓަކައި އެ ޤައުމަކުން ކުރަމުންދާ މަސައްކަތްތަކާއި ދިމާވަމުންދާ ގޮންޖެހުންތައް ބަޔާންކޮށް، ނޭޝަނަލް ރިޕޯޓެއް ހުށަހަޅަންޖެހެއެވެ.
ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ޔޫ.ޕީ.އާރު. ގެ ހަތަރުވަނަ ސައިކަލްއަށް ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ނޭޝަނަލް ރިޕޯޓު ވަނީ 4 އޮގަސްޓު 2025 ގައި ހުށަހަޅާފައެވެ.
އެހެންކަމުން މި ރިވިއު ސެޝަންގައި، ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޔޫ.ޕީ.އާރު. ގެ ކުރިއަށްއޮތް ސައިކަލްގައި ދިވެހިރާއްޖެއިން ތަންފީޛުކުރުމަށް ހުށަހަޅާ ރެކޮމެންޑޭޝަންތައް އެކި ޤައުމުތަކުން ހުށަހަޅާނެއެވެ.
މި ރިވިއު ސެޝަންގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާން އަދި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމްއެވެ.
މީގެ އިތުރުން، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ބަންޑާރަނައިބުގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން މި ސެޝަންގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ރިވިއު ސެޝަންގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ދިވެހި ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަރވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، މުޖުތަމަޢުގެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އިޤްތިޞާދީ، އިޖުތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން އިންޓަރވެންޝަންތައް ދިވެހިރާއްޖޭގެ ޑެލެގޭޝަނުން ހުށަހަޅާނެއެވެ.
ޔޫ.ޕީ.އާރު. އަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެވެމުންދާ މިންވަރާއި، އެ ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަންފީޛުކުރެވެމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށްގެންދާ މި ރިވިއު ޕްރޮސެސްގެ ފުރަތަމަ ތިން ސައިކަލްގައިވެސް ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

