ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް ވި އެއްބަސްވުން ބާތިލްކޮށް މަޝްރޫޢުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ބީލަމަށް ހުޅުވާލުމަށް ލަފާދީފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި ހައުސިން މިނިސްޓްރީއާއި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވުން ނިމުމަކަށް ގެނެސް، މަޝްރޫޢުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ބީލަމަށް ހުޅުވާލުމަށް ހައުސިން މިނިސްޓްރީއަށް ލަފާދީފައިވާ ކަމަށް އެޖީ އޮފީހުގެ ބަޔާނުގައި ބުނެފައެވެ.
މި މަޝްރޫޢަކީ މިއަަހަރުގެ މެއި މަހުގެ 7ވަނަ ދުވަހު ބީލަމުގެ އުޞޫލުން އިޢުލާނުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުތެއްގެ ގޮތުން ކުރިމަތިލާ ކޮންޓްރެކްޓަރަކީ “ނެޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ”ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންޖެހޭނެ ކަމަށް ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާނެ ކަމަށާއި މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކޮށް، މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ހައުސިން މިނިސްޓްރީއާއިއެކު އެއްބަސްވުމުގައި ސޮއިކުރި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ،އޮގްސްޓް މަހުގެ 20 ވަނަ ދުވަހު ޕްލޭނިންގް މިނިސްޓްރީއިން ބާތިލްކޮށްފައިވާ ކަމަށް އެޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީގެ ފަރާތުން ކުންފުނީގެ ރަޖިސްޓްރީ ބާޠިލުކުރައްވާފައިވަނީ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީވުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ކަމަށާއި ކުންފުނި ރަޖިސްޓްރީކުރެވިފައިވަނީވެސް އެ ލިޔެކިޔުންތައް ފުރިހަމަވެފައި ނެތީސް ކަމަށް އެ މިނިސްޓްރީގެ ފަރާތުން އެޖީ އޮފީހަށް އޮފީހަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވާ ކުންފުންޏަކީ މަސައްކަތަށް ބީލަން ހުށަހެޅިއިރުވެސް ބީލަމުގެ ޝަރުޠު ފުރިހަމަވެފައިވާ ކުންފުންޏެނޫން ކަމަށާއި މިމަހުގެ 20 ވަނަ ދުވަހު ކުންފުންޏަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ ބާތިލްކޯށްފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އެ ކޮންޓްރެކްޓް ބާތިލްކޮށްފައިވަނީ ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގެ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ޢިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށްނުވާތީއެވެ.
”މި މަޝްރޫޢާ ގުޅޭގޮތުން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ އެއްބަސްވުމެއް ކަމަށްވީއިރު، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ބީލަމުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަލުން ބީލަމަށް ހުޅުވާލައިގެން މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީއަށް ވާނީ ލަފާ އަރުވާފަ“ އޭޖީ އޮފީހުގެ ބަޔާނުގަިއ ބުނެފައިވެއެވެ.

