ސަރުކާރުން ބޭނުންވަނީ އާންމު ފަރުދުން މުއްސަނދި ކޮށްދިނުމަށްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތަރައްޤީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު މިހާރު ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް، ވެރިކަމަށް ވަޑައިގެންނެވިއިރު އޮތީ ޑިފޯލްޓް ކޮށްލުމަށް ޑިޒައިން ކޮށްފައި އޮތް އިޤްތިސާދެއް ކަމަށާއި، އެކަން މި ސަރުކާރު އައުމަށްފަހު ބަދަލު ކޮށްލެވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، މިހާރު ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރެވިފައިވާއިރު، މިކަމުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީވެސް ކުރިއަރައި، އިޤްތިސާދަށް ދިރުން އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމުގެ އެއްވެސް ލަހެއް ނާންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މުޅި ސަރުކާރު ގުޅިގެން ޕްރައިވެޓް ސެކްޓަރ އާ އެކު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އަޅުގަނޑުމެން ބޭނުންވަނީ އާންމު ފަރުދުން މުއްސަނދި ކޮށްދޭން
ރައީސް ވިދާޅުވީ، މި މަޝްރޫއުތަކުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުރުންވެސް އެތައް ބަޔަކަށް ފައިދާވާނެ ކަމަށެވެ.
އެހެންކަމުން މިއީ ހަލުވި ދުވެލީގައި ނިންމާލެވޭނެ މަޝްރޫއުތަކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

