އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ، މިދަތުރުފުޅަކީ އެޤައުމުގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ އެންމެ މުހިންމު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރެއްވުމެވެ. މި އެއްބަސްވުމަކީ ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމަށްޓަކައި އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.
ވަޒީރު ޑރ. ޝަހީމްގެ މި ދަތުރުފުޅުގައި ސަޢުދީގެ ޙައްޖު ވަޒީރާ ބައްދަލުކުރައްވައި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބާއްވާ 5 ވަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްވެސް ހަމަޖެހިފައެވެ. މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖެއަށް ޙައްޖުގެ ކަންކަމުގައި އިތުރު ފުރުޞަތުތަކާއި އެހީތެރިކަން ހޯދުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
މި ދަތުރުފުޅުގައި ވަޒީރު ޑރ. ޝަހީމް ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވައި، މި އިނީޝިއޭޓިވްއާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައެވެ.
1446 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ މި އިނީޝިއޭޓިވްގައި ހިމެނިފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ގުޅުންތައް އިތުރަށް ހަރުދަނާވެގެން ގޮސްފައިވާކަން ދައްކުވައިދޭ ކަމެކެވެ. ރާއްޖެ މި އިނީޝިއޭޓިވްގައި ހިމެނުއްވީ ސަޢުދީ ރަސްގެފާނުގެ ޚާއްސަ އިރުޝާދުގެ ދަށުން، ޝަރުތުތަކުން އިސްތިސްނާކޮށް ޚާއްސަ އިނާޔަތެއް ދެއްވުމަށްފަހުގައެވެ.

