14 ވަނަ ދުވަހު ބާއްވާ ޖަލްސާގެ ބޭނުމަކީ ގައުމު މިހާ ހިސާބަށް ގެނެސްދެއްވީތީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ފަރާތުން ޝުކުރު ދެންނެވުންކަމަށް ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް އަންނަ ޖަލްސާއާއި ގުޅިގެން ޕާޓީއިން ވަނީ މިއަދު ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޕާޓީގެ ލީޑަރޝިޕާއި، ރައްޔިތުންގެ މަޖިލީހުން މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަދި ޕާލިމަންޓް ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން އެހެން މެންބަރުންވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތާއި ގުޅިގެން ފަލާހު ވިދާޅުވީ މިއީ ވެރިކަމާއި ހަވާލުވެ 2 އަހަރުވާން ދާއިރު، އަދި ޕީއެންސީއިން މެންބަރުން އެކުގައި ބޮޑު ބައްދަލުވުމެއް ބާއްވާފައި ނުވާކަމަށެވެ. ޖަގަހަ ޖަލްސާތައް ކުރިއަށްދާއިރު، ޕީއެންސީގެ ސަޕޯޓަރުން ދަނީ ޕާޓީގެ ހުރިހާ ރައްޔިތުން އެއް ތަނަކުން ބައްދަލުވާނެފަދައިން ޖަލްސާއެއް ބޭއްވުމަށް އެދެމުންކަމަށް ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ސަރުކާރުން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރައްވައިފިކަމަށާއި، އެގޮތުން ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތައް ފަލާހު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ދެން މިހާރު އޮތީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒާއިއެކު ހުރިހާ ރައްޔިތުން އެއް ތަނަކުން ޕާޓީގެ ރޫހުގައި ބައްދަލުވުންކަމަށް ވިދާޅުވިއެވެ.
މިހާ ހިސާބަށް ގައުމު ގެންދަވާފައިވާތީ، މިކަމަށްޓަކައި ރައީސުލްޖުމްހުރިއްޔާއަށް ޝުކުރު ދެންނެވުމަކީވެސް މި ޖަލްސާގެ މަގްސަދެއްކަމަށް ވިދާޅުވިއެވެ. މި ބައްދަލުވުމަށް ވަރަށް ގިނަ ބަޔަކު ޖަމާވާނެކަމަށްވެސް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މިއަދުގެ ހަރަކާތުގެ ބޭނުމަކީ މާލެ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް މި ޖަލްސާއަށް ދައުވަތު ކާޑު ފޮނުވުންކަމަށެެވެ. ފަލާހު ވަނީ ދިވެހި ރައްޔިތުންނަށް މި ޖަލްސާއަށް ވަޑައިގެންނެވުމަށް ދައުވަތު އަރުއްވާފައެވެ.
ޖަލްސާއަށް ދައުވަތު ފޮނުވުމުގެ ހަރަކާތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާނެކަމަށާއި، އެގޮތުން އަތޮޅު ތެރޭގެ ރަށްތަކަށްވެސް ޕާޓީގެ މެންބަރުން ވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މާލެ އަތޮޅު ފާހަގަކުރެއްވިއެވެ.

