ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ 4 ވަނަ ބުރުގައި، ރާއްޖޭގެ ދާޚިލީ ދާއިރާ ތަމްސީލްކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ޢަލީ އިޙްސާން ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތި އެތެރެކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް މިހާރު އޮތް ނިޒާމު ހަރުދަނާކޮށް، ބައިނަލްއަޤްވާމީ އެހެން ޤައުމުތަކެކޭ އެއްފަދައިން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުކޮށް، މީހުން ހައްޔަރުކުރުމާއި، މަސްތުވާތަކެތި އަތުލައިގަތުމާއި، ޓްރެފިކިންގެ ވިއުގަތައް ހޯދުމުގެ މަސައްކަތްތަކުގެ ސަބަބުން މި ދާއިރާއިން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ވަޒީރު ވިދާޅުވީ، ”މިފަދަ އަމަލުތަކުގައި ޝާމިލުވާ އޮފިސަރުން ވަޒީފާއިން ވަކިކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެން ގެންގުޅޭ ޒީރޯ ޓޮލަރެންސް ސްޓޭންޑެއް،“ ކަމަށެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެނޫންވެސް ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި، އުޅަނދުތަކުގައި ޓްރެކިން ޑިވައިސްތައް ބޭނުންކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ ޖިނާޢީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ހޯޕް އައިލެންޑް އަދި ޖިނާޢީ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރަށް ގެންނަ ބަދަލާއި ގުޅޭގޮތުން އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ޚިޔާލުތައް ބަލައިގަންނަ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކުށަށް ހުށަހެޅިފައިވާ ކުދިން މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުންކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޖަލުތަކުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޢުމްރާނީ ގޮތުން މަސައްކަތް ކުރެވި ޤައިދީންނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، އިންސާނީ ވަސީލަތް ބިނާކޮށް، އިންސާނީ ހައްޤުތަކާއި ބެހޭ މާއްދާތައް ތަންފީޒުކުރުމަށް، މުވައްޒަފުން އަހުލުވެރިކޮށް ތަމްރީނުދިނުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އިންސާނީ ވަގުފާރި ހުއްޓުވުމާއި ބެހޭ ޤާނޫނު 2021 ވަނަ އަހަރު އިސްލާހުކޮށް، މިހާރު އެކަން ތަންފީޒުކުރަމުންދަނީ ދާޚިލީ ވުޒާރާއިންކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ނިރުބަވެރިކަމާއި ދެކޮޅަށް ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި، ވަޒީރު ވަނީ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ދައުލަތުގެ ޚިދުމަތް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތަށް ވެސް އަލިއަޅުވާލައްވާފައެވެ.

