ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ދަރިވަރުންނަށް ހާއްސަކޮށްގެން 300 އަށްވުރެ ގިނަ ސްކޮލަޝިޕުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ދިވެހި ދަރިވަރުންނަށް ސައުދީގެ ޔުނިވާސިޓީތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއިން މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ބުނީ، 11 ދާއިރާއަކުން ސައުދީގެ ޔުނިވާސީޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ. ޖުމްލަ 318 ޑިގްރީ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ސްކޮލަޝިޕުތައް ހުޅުވާލާފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، މީޑިއާއާ ގުޅުން ހުރި ދާއިރާތައް، ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް، ލޯ ސައިންސް، އަދި އެޑިއުކޭޝަނަލް ސްޕެޝަލިޓީސް ހިމެނެއެވެ.
މީގެ އިތުރުން ސޯޝަލް ސައިންސަސް، ދަނޑުވެރިކަން، އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް، އިންޖީނިއަރިން މޭޖާ، އިސްލާމިކް ފީލްޑް ސްޓަޑީޒް، އަދި އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް ވެސް ހިމެނެއެވެ.
ސައުދީގައި ހުރެގެން ކިޔެވުމުގެ ފުރުސަތުގެ އިތުރުން، އެ ގައުމުން ވަނީ ރާއްޖޭގައި ހުންނަ އިމާމް ޔުނިވާސިޓީ ކެމްޕަހުގައި ވެސް ހިލޭ ޑިޕްލޮމާ ކިޔެވުމަށް ހުޅުވާލައިފައެވެ. ނަމަވެސް މި ފުރުސަތަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަކޮށްފައިވާ ފުރުސަތެކެވެ. ރާއްޖޭގެ ކެމްޕަހުގައި ކިޔަވައިދޭނީ އަރަބި ބަހަށް ތައްޔާރުވުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ދެ އަހަރުގެ މުއްދަތަށް ގެންދާ މި ކޯހުގެ ކިޔެވުން އަންނަ ޑިސެމްބަރު 28 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރުސަތަށް އެދުމަށް ދެ ހަފުތާގެ މުއްދަތެއް ވަނީ ދީފައެވެ.
މި ސްކޮލަޝިޕުތައް ހުޅުވާލާފައި މިވަނީ، ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ މަތްރެކް ބިން އަބްދުﷲ އަލް-އަޖާލީން އަލްދޮސާރީ، ރައީސްގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ޝައުގުވެރިކަން ފާޅުކުރެއްވި ދަނޑިވަޅެއްގައެވެ.
ރައީސް ވިދާޅުވީ ސައުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ވަނީ މަތްރެކްގެ ސަފީރުކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިދިޔަ މެއި މަހު، ރައީސް މުއިއްޒު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ސައުދީ ސަރުކާރުން ދެންނެވި ހޫނު މަރުހަބާއާއި، އަދާކުރެއްވި މެހެމާންދާރީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ ބޭފުޅުން ވެސް ވަނީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ، އެގޮތުން މި ސްކޮލަޝިޕުތަކަކީ ދެ ގައުމުގެ ގުޅުމުގެ ދަށުން ތަޢުލީމީ ދާއިރާއިން ލިބުނު މުހިންމު ކުރިއެރުމެކެވެ.

