ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފެށި ”އޮޕަރޭޝަން ކުރނގި“ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 180،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލު ކުރުމުގެ އަމާޒުގައި ފެށި މި މަސައްކަތުގެ ތެރެއިން، މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ވަނީ ނަގާފަ އެވެ. އަދި ވަކި ތާރީހެއް ކަނޑައަޅައި އޭގެ ކުރިޔަށް މައުލޫމާތުތައް ދިނުމަށް އަންގާފައި ވެއެވެ.
އެ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، 30 އޮކްޓޯބަރ 2025 ގެ ނިޔަލަށް ޖުމްލަ 188359 ބިދޭސީންގެ ބަޔޮމެޓްރިކްސް މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި، މީހުން ދިރިއުޅޭ ހުރިހާ ޖަޒީރާތަކެއްގެ ޑޭޓާ އެއްކުރުމަށް ލޯކަލް ކައުންސިލްތަކަށް ވަސީލަތްތައްވެސް ގާއިމް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، އޮޕަރޭޝަން ”ކުރަނގި“ އަކީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ފަށާފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ.
އޮޕަރޭޝަން ކުރަނގި ޕްރޮގްރާމް މިހާރު ވަނީ ހުރިހާ ރަށެއްގައިވެސް އިފްތިތާހު ކުރެވިފައެވެ.
މި މަސައްކަތް ކުރިޔަށް ދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ އެކަށީގެންވާ ސަބަބެއް ނެތި ބަޔޯމެޓްރިކް ޑޭޓާ ނުދީ ހުރި ވަޒީފާ ދޭ ފަރާތްތައް ސިސްޓަމުން ސަސްޕެންޑުކޮށް ހިދުމަތް މެދުކަނޑާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

