އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.
އެ މަނިކުފާނަށް އެއާޕޯޓުން މަރްޚަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މި ދަތުރުފުޅުގައި ހަނިމާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ކުރިއަށްދިޔަ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން ދާއިރާގެ ވަފުދެއްވެސް ހިމެނިވަޑައިގަންނަވައެވެ.
ހދ. ހަނިމާދޫގައި ތަރައްގީ ކުރަމުންދާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް މި ނޮވެމްބަރު މަހުގެ ތެރޭގައި ފުރިހަމައަށް ނިންމައި، ބޭނުންކުރެވޭނެ ފެންވަރަށް ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެގޮތުން ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ހުރިހާ ހިދުމަތްތައް ލިބި އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަންޖެހޭ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުޢިއްޒު ވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަޝްރޫޢަކީ ސަރުކާރުގެ އެންމެ އިސްކަމެއް ދޭ އެއް މަޝްރޫޢުކަން ފާހަގަކުރައްވާފައެވެ. އެ މަޝްރޫޢުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ފަތުރުވެރިކަމުގެ ދާއިރާއިން އާ އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާނެ ގޮތާއި އެ މަޝްރޫޢު ނިމުމުން އެ ސަރަޙައްދަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ރައީސް މައުލޫމާތު ދެއްވިއެވެ.

