މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ޓެރަރިޒަޓް ޖަމާއަތްތަކުގެ ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕަޜޭޝަނެއްގައި ބުދަ ދުވަހު ހައްޔަރު ކުރި އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ އޯގަސްޓް މަހު އެވެ.
އަމީންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވުމެވެ. ބުރާސްފަތި ދުވަހު ފުލުހުންގެ އިދާރާގައި އޮތް ޕްރެސްކޮންފަރެންސްއަކަށްފަހު އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ތަހުގީގާއި ގުޅޭގޮތުން ނޫސްވެރިންނާއި ވަކިން ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގެ ތެރެއިން، އަމީން އާއި ގުޅޭގޮތުން ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ ހައްޔަރު ކުރީ ކާކުކަން މިހާރު މީޑިއާތަކުގައި ވެސް ފެންމަތިވެފައިވާ ކަމަށެވެ. އެހެން ކަމުން އޭނާއަކީ ކާކު ކަމާއި، ހުރިހާ ތަފްސީލެއް މީޑިއާތަކަށް ވެސް އިނގޭނެ ކަމަށެވެ. އެރޭ އެގެއިން މޫނު ބުރުގާ އަޅާފައި ހުރި އަންހެނެއްވެސް ހައްޔަރު ކުރިކަމަށް ބައެއް މީހުން ބުނެފައިވުމާއި ގުޅިގެން ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ ހައްޔަރުކޮށްފަައިވަނީ އެކަކު ކަމަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ރިޔާޒް ވެސް ނުދެއްވައެވެ.
އަމީން ފުލުހުންގެ ހައްޔަރުގައި ބަހައްޓާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ”ނެޓްވޯކް“ އަތުލަމަށް މަސައްކަތް ކުރަންތޯ ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ ޕްރޮސީޖާގެ ތެރެއިން ހުރިހާ ކަމެއްވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.
އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ބައިވެރިވުން އޮތް މީހެކެވެ. އެހެން ނަމަވެސް އޭނާ ހައްޔަރު ކުރުމަށް އުޅުމުން ފިލައިގެން ގޮސް އުޅުނީ ރާއްޖެއިން ބޭރުގައެވެ. އެއަށްފަހު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާއަށްފަހު ފުލުހުން 2011 ވަނަ އަހަރު އޭނާ ލަންކާއިން ހައްޔަރު ކުރިއެވެވ. އެހެން ނަމަވެސް ރާއްޖެ ގެނައުމަށްފަހު ދޫކޮށްލިއެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.
އެމެރިކާ އިން ބުނި ބުނެފައިވާ ގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެކެވެ. ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވެ އެވެ.
އެމެރިކާ އިން ބުނެފައިވަނީ އަމީނަކީ އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ މީހެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް އަމީނަކީ އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްކަން އެނގޭ ކަމަށާއި އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށް އެމެރިކާ އިން ބުންޏެވެ. އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު 10 ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށާއި އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައިވެ އެވެ.
ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިއުމާ، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށެކެވެ. އެ ކުށްތަކަށް ގާނޫނުގައި ވަނީ ބޮޑެތި އަދަބުތައް ކަނޑައަޅާފަ އެވެ. ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ވެސް މިފަދަ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައި ވެއެވެ. ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.

