ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން މީހަކު ހޯދުމަށް އާއްމުންގެ އެހީ އަށް އެދިއްޖެ އެވެ.
މަރު ކޮމިޝަނުން މިއަދު އިއުލާން ކުރި ފޮޓޯގައި ބުނެފައިވާ ގޮތުން މ. ކުރިރުއްގެ އިރުފާން ރުޝްދީ އަކީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ނުފެނިފައިވާ މީހެކެވެ. އަދި ނުފެނިގެން ހޯދުމަށް އިއުލާން ކޮށްފައިވާ އިރުފާން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ކޮމިޝަނަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ. އެ މީހަކީ ކޮން މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމެއް ކޮމިޝަނުން ނުބުނެ އެވެ.
އިރުފާންއަކީ ޖޫން 3، 2016 ގެ ރޭ ދެ ގޭންގެއް ދެމެދު ހިނގި މާރާމާރީގައި މ. ސަރުމާގެ ފާތިރު މުހައްމަދު ނަމަކަށް ކިޔާ ކުޑަ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ. މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރައިލި އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައި ހޯދަން ރޭ އިއުލާން ކުރި އިރުފާން ރުޝްދީ، އެ މާރާމާރީގެ އެއް އަހަރު ކުރިން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން އެންގި ނަމަވެސް އެ މާރާމާރީ ހިންގި ތަނުން އޭގެ ފަހުން ފެންނަ ކަމަށެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ 2015 ގައި އިރުފާން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނާ ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު އެ މާރާމާރީ ހިންގިއިރު އޭނާ އެތަނުގައި އުޅޭތަން ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށް ކޮމިޝަނުން ބުނެ އެވެ. އިރުފާން ހޯދުމަށް ޖޫން، 2016 ގައި ފުލުހުން ވެސް އިއުލާން ކުރި އެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އޭނާ ނުފެނެ އެވެ. ޖޫން 2016 ގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ފުރަތަމަ މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހެރުމުން ފަރުވާ ދެނިކޮށް މަރުވީ، މާލެ އަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ. ފުލުހުން ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ. އެއީ ވައިކަންމައްޗާއި އީގަލްސް ގުރޫޕުން ހިންގި މާރާމާރީތަކެކެވެ.

