ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލޭޓް ކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމް ބާއްވާނަމަ އެކަން އަންގާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.
ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީއިން ކޮންމެ ހޮނިހިރެއްގައި ޚާއްސަ ޕްރޮގްރާމްތަކެއް ބާއްވަމުން އަންނައިރު މިއަދު އެ ޕްރޮގްރާމް ބާއްވާފައިނުވާތީ އެކަމާއި ގުޅިގެން ސަންގުން ސުވާލުކުރުމުން އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޒުބާނާ އިބްރާހިމް ވިދާޅުވީ ޕްރޮގްރާމް ބާއްވާ ކަމަށްވާނަމަ ކުރީބައިގައި އިއުލާނުކުރާނެ ކަމަށެވެ.
“ އަޅުގަނޑުމެން މިދިޔަ ހަފްތާގެ ހޮނިހިރާއި އާދިއްތާގައި ވެސް ޕްރޮގްރާމް ކުރިއަށްގެންދިޔައިން. ޕްރޮގްރާމް ބާއްވާ ކަމަށް ވާނަމަ އެއް ހަފްތާކުރިން އިއުލާނު ކުރާނަން“
މި ހަފުތާގައި ރީރަޖިސްޓްރޭޝަންގެ މަސައްކަތް ނޯންނާނެކަން އަންގާ އޮލިމްޕަސްއާއި ވީ ފަޅީގައި ހުންނަ ދަނޑުގެ ގޭޓުގައި މިނިސްޓްރީއިން ވަނީ އިއުލާނެއްވެސް ތަތްކޮށްފައެވެ.
ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 19 އިން ފެށިގެން، ސިވިލް ސާރވިސް ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައި ފެށިއިރު އެތައް ސަތޭކަ ބިދޭސީންނެއް ދަންވަރުން ފެށިގެން އޮފީސް ދޮރުމަތީގައި ކިއުހަދައިގެން ތިބެއެވެ. އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ބިދޭސީން ގިނައިރު ކިއުގައި ކޮޅަށް ނުތިބެ ފަސޭހަ އިންތިޒާމެއްގެ ތެރެއިން ރެގިއުލޭޓް ކުރުމުގެ މަސައްކަތް ހަމަޖައްސާނެ ކަމަށެވެ. އޭގެ ފަހުން އެ ޕްރޮގްރާމް ގަލޮޅު ދަނޑަށް ބަދަލުކޮށް ކޮންމެ ހޮނިހިރު ދުވަހެއްގައި ބިދޭސީންނަށް އެޕޮއިންޓްމަންޓް ދޫކޮށްގެން ރާއްޖޭގައި މަސައްކަތް ކުރުމުގެ ވަގުތީ ހުއްދަ ދޫކުރިއެވެ.
ހޮނިހިރު ދުވަހާއި ދިމާކޮށް ހެނދުނު 7:30ން ފެށިގެން ހަވީރު 5:00 ހަމައަސް ގަލޮޅު ދަނޑުގައި ޕްރޮގްރާމް ކުރިއަށްދާއިރު ސިޑިބަރީގައި ބިދޭސީން އިށީންދެގެން ތިބުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. އަދި ވަކިން ސަފެއް ހަދައިގެން އިކޮނޮމިކް މިނިސްޓްރީއިން ހަދާފައިވާ ކައުންޓަރުތަކުން ފަހަރަކު މީހަކަށް އެޕޮއިންޓްމަން ދޫކުރަމުންދެއެވެ. މިކަން ކުރަނީ ފުލުހުންގެ އިރުޝާދާއި ބެލުމުގެ ދަށުންނެވެ. ކޮންމެ ބިދޭސީއެއްގެ ފޮޓޯ ކައުންޓަރުތަކުގައި ތިބޭ މިނިސްޓްރީގެ އޮފިޝަލުން ނަގާ އެމީހުންގެ މައުލޫމާތު އެއްކޮށް އިނގިލީގައި ފާހަގަޖަހައެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުނު ކަމުގެ މެސެޖެއް ބިދޭސީ މީހާގެ ފޯނަށް ދާނެ އެވެ.
ރާއްޖޭގައި 3 ލައްކައެއްހާ ބިދޭސީން ދިރިއުޅޭ ކަމަށް ސަންގަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއީ ރާއްޖެ ޖުމްލަ އާބާދީއާއި ގާތްކުރާ އަދަދެކެވެ.

