ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުމާއި، ހިދުމަތް ފޯރުކޮށް ދިނުމުގައި މި ސަރުކާރު ވަނީ ފެއިލް ވެފައިކަމަށް، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިފަދައިން ވިދާޅުވީ، ފުވައްމުލަކާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ސަޕްލައި ފެނުގައި ދިމާވެފައިވާ މައްސަލަތަކާ ގުޅިގެންނެވެ.
ފުވައްމުލަކާއި ރާއްޖޭގެ އެހެނިހެން ރަށްތަކާއި އަތޮޅުތަކުގައި އަދި ސިޓީތަކުގައި ވެސް ސަޕްލައި ފެނުގައި ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ޝާހިދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަޕްލައި ފެނުގައި މައްސަލަތަކެއް ހުރިކަން އެނގޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި، ފެނަކަ ކޯޕަރޭޝަނަށް ނުކުޅެދިފައިވާއިރު، ފުވައްމުލަކުގެ ގޭބިސީތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އަސާސީ ހައްގުތަކުން މަހުރޫމު ކުރެވިފައި ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުމާޢިއެކު، ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ވަނީ ފެއިލް ވެފައި ކަމަށެވެ. މީގެއިތުރުން، މި ސަރުކާރަކީ ދެއްކުންތެރިކަން އިސްކުރާ އަދި ނާގާބިލް ސަރުކާރެއްކަން މިހާރު އަންނަނީ ހާމަވަމުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އޭނާ ސުވާލު އުފެއްދެވީ، ”ފުވައްމުލަކާއި އަދި އެހެން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި ވެސް ކެނޑިނޭޅި މިފަދަ މައްސަތައް އިތުރުވަމުން ފުނިޖެހެމުން ދާއިރު ސަރުކާރު މިއޮތީ ނިދާފައިތޯ“ އެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން އަންނަ ކަމަށް ޝާހިދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެހެންކަމުން، ޝާހިދު ވަނީ ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު، ވަގުތުން ވަގުތަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ޒިންމާކަން އޭނާ ވަނީ ހަނދާންކޮށްދެއްވާފައެވެ.

