ޤިޔާމަތް ދުވަހު ތިމާ ސަލާމަތްކޮށްދޭނީ ޕާޓީއާއި އެ ޕާޓީތަކުގެ ލީޑަރުން ނޫން ކަމަށް މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝެޢިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޑިމޮކްރެޓކް ނެޓްވޯކް އެމްޑީއެންއިން ނެރުނު ރިޕޯޓާއާއި ގުޅިގެން BanMDN# ގެ ނަމުގައި ސޯޝަލް މީޑިއާގައި އިދިކޮޅުފަރާތްތަށް ހިމެނޭހެން ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާއަށް ފާޑުކިޔައި ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރުގެ ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ކައުންސިލްތަށް ހިމެނޭއިރު އެމްޑީޕީއިން ނެރުނު ބަޔާނެއްގައި، ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް އެ ޕާޓީގެ އެއްވެސް މެމްބަރަކު ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.
އެކަމާއި ގުޅިގެން އެމްޑީޕީ ސަރުކާރަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވި ދީނީ އިލްމުވެރިންތަކެއް ވަނީ ނުރުހުން ފާޅުކޮށް ޓުވީޓުކުރައްވާފައެވެ. އެގޮތުން ޝެއިޚު އަލީ ޒަޢިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤިޔާމަތް ދުވަހުން ތިމާމެންގެ ހިމާޔަތުގައި އަންނާނީ ޕާޓީ ނޫން ކަމަށާއި ސަލާމަތް އޮތީ ދީނަށް ނަސްރުދީގެން ކަމަށެވެ.
https://twitter.com/alizaid1000/status/1187663834116284418
ޝެއިޚު އިލްޔާސް ހުސެއިން ކުރެއްވި ޓުވީޓުގައި ވަނީ ދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިޙިވަސައްލަމްއަށް ފުރައްސާރަކުރުން ކުށްވެރިކުރުމަކީ ޕާޓީގެ އުސޫލުތަކާއި ދުސްތޫރުތަކާއި ޚިލާފަ ކަމެއް ނަމަ، އެފަދަ ބަޔަކީމެދު އާންމުން ދެކެނީ ކިހިނެތްތޯ ވަނީ ސުވާލުކުރައްވާފައެވެ. އިލްޔާސްގެ އެ ޓުވީޓަށް ރިޕްލައި ކުރި ގިނަ މީހުން ވަނީ އެމްޑީއެން އުވާލަން ޖެހޭ ކަމަށް ބުނެފައެވެ. ނަމަވެސް އެމްޑީޕީއާއި އެކަމާއި ގުޅުވަން ނޫޅުމަށް ގޮވާލާފަވެއެވެ.
ޑރ.މުޙައްމަދު އިޔާޒްވެސް BanMDN# ބޭނުން ނުކުރުމަށް ގޮވާލުމުން އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދުލުގައި މޮހޮރު ޖެހިޔަސް މިކަން ހުއްޓުވާފައި ނޫނީ ގެޔަށް ނުވަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ގައުމު އެދި ގޮވަނީ އެ ޖަމިއްޔާ އުވާލުމަށް ކަމަށާއި މަދު ބައެއްގެ ފިއްތުންތަކާއި ހުރެ ފިޔަވަޅު އެޅުން ލަސްވުމަކީ އެތައް ބަޔަކަށް ގެއްލުން ހުރި ކަމެއްގެ ކަމަށެވެ.
އަދި ރާއްޖޭގައި އެހެން ޖަމިއްޔާތައްވެސް ރެޖިސްޓްރީ ވެފައި ހުރި ނަމަވެސް އެމްޑީއެން އުވާލުމަށް ގޮވާލަނީ ވަކި ސަބަބަކާއި ހުރެ ކަމަށް އިޔާޒް ވިދާޅުވިއެވެ.
https://twitter.com/dr_iyaz/status/1187801046019502080https://twitter.com/dr_iyaz/status/1187803215397441536
އެމްޑީއެންއިން އިސްލާމް ދީނާއި ބީރައްޓެހި ކަންތައްތަކެއް ހިމަނާ ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުމާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ އެ ޖަމިއްޔާ ވަގުތީ ގޮތުން ވަނީ ސަސްޕެންޑުކޮށްފައެވެ. އިތުރަށް ފިޔަވަޅެއް އެޅޭނީ ފުލުހުންގެ ތަޙުޤީޤު ނިމުމުން ކަމަށް އެ ޖަމިއްޔާގެ ބެލެނިވެރި ފަރާތްކަމުގައި ޔޫތް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
އެމްޑީއެންއިން ނެރުނު ރިޕޯޓު ދީނީ އިލްމުވެރިންގެ އެހީގައި ފުލުހުން ދަނީ މިހާރު ދިރާސާ ކުރަމުންނެވެ. އެ ދިރާސާ މިހަފްތާތެރޭގައި ނިންމޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ ރިޕޯޓު ލިޔުނު މީހުން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ އިރު، އޭގެ ތެރެއިން ޝަހިންދާ އިސްމާއިލް އާއި އަޒްރާ ނަސީމް ފުލުސް އޮފީހަށް ހާޒިރުވުމަށް 14 ދުވަހުގެ ނޯޓިސް ދީ، ފުލުހުން ވަނީ ޗިޓު ފޮނުވާފައެވެ.

