ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ދައްކަންޖެހިފައި އޮއްވައި ބިންތައް ހިލޭ ދޫކުރުމަކީ ރާއްޖޭގެ ހާލަތާ ނުބައްދަލު ސިޔާސަތެއް: ނިޔާޒީ

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނީގެ ހާލަތު ގޯށްކޮށް އޮއްވައި، ގައުމުގެ އެންމެ އަގުބޮޑެތި މުދާތައް ހިލޭ ދޫކުރުމަކީ ދިވެހިރާއްޖޭގެ މިހާރުގެ އިގްތިސާދާއި ނުބައްދަލު ސިޔާސަތެއްކަމަށް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރުމުގެ ކޮމިޓީ ބައްދަލުވުން ކުރިޔަށްދާއިރު، ބަޖެޓު ކޮމިޓީން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ބައްދަލު ކުރައްވާފަ އެވެ. ކޮންމެ އަހަރެއްގެ ވެސް ބަޖެޓާއި އެކު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާތައް ދޭއިރު، އެއަށް އަމަލު ނުކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ސުވާލު ކުރެއްވި އެވެ.

މި މައްސަލައިގައި އެ އޮފީހުން އެކި ބައްދަލުވުންތަކުގައި ކަންބޮޑުވުންތައް ފާޅުކުރިނަމަވެސް، ރަސްމީ ގޮތެއްގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވިތޯ ސާފުކޮށްދެއްވުމަށް ނާޒިލް އެދިވަޑައިގަތެވެ. އަދި ސުވާލު ކުރެއްވީ މަޖިލީހުގެ ތެރެއިން، ނުވަތަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ކުރެވޭނެ ކަންކަމަކީ ކޮބައިތޯ އެވެ.

ޖަވާބުގައި ނިޔާޒީ ވިދާޅުވީ ދައުލަތުގެ މާލީ އިސްރާފު ކުޑަކޮށް، ދަރަނި ބޮޑުވިޔަ ނުދިނުމަށްޓަކައި އެކުލަވާލާފައިވާ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގެ ދަށުން ތައްޔާރުކުރާ ރިޕޯޓްތަކުގައި ވެސް މިފަދަ ކަންކަމަށް އިސްކަން ދިނުމަށް އެތައް ފަހަރެއްގެ މަތިން އިރުޝާދު ދީފައިވާނެކަމަށެވެ.

އެގޮތުން ބަޖެޓެއް ފާސްވެގެންދާއިރު، ބަޖެޓް ކޮމިޓީގެ ރެކޮމެންޑޭޝަންތަކަށް ސަރުކާރުން އިހްތިރާމްކުރަން ޖެހޭނެކަމަށް ނިޔާޒީ ވިދާޅުވި އެވެ. އޭގެ ސަބަބަކީ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހަރަދުތައް ހިންގުމާއި، ދަރަނި ކުޑަކުރުންކަން ނިޔާޒީ ފާހަގަކުރެއްވި އެވެ. އަދި މިކަންކަމަށް ސަމާލުކަން ނުދެވިއްޖެނަމަ، ލޯނު ދޫކުރި ފަރާތްތަކުން އެ ދަރަނި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވެސް ކުރާނެކަމަށް ނިޔާޒީ ވިދާޅުވި އެވެ.

ދެން މިކަން ނުކުރީމަ ކިހިނެއް ހޭ މި ވަނީ… ނުކުރީމަ ވެސް ވަކި ހިސާބަކުން އައިއްސަ އެ ލޯނު ނެގި ފަރާތްތަކުން އަންނާނެ.. އެއާ ހަމަކުރާނެ… އެހެންވީމާ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ކުރިއާލާ ކަންކަމަށް ތައްޔާރު ވުން.. އުސޫލެއް ގޮތުން އަޅުގަނޑުމެން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑެއް ވެސް ހަދައި މި އޮތީ.. މި ގޮތަށް މި ލޯނު ދައްކަން ޖެހޭނެކަމަށް ބަލައިގެން.. އެއަށް ޑޮލަރު ޖަމާކުރަމުން ދާންޖެހޭ ގޮތަށް މި އޮތީ.. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ ސަރުކާރުތަކުން އެއަށް ލާ، އެއަށް އޭގައި މި ބަހައްޓާ ފައިސާ ވެސް މާރުކޮށްގެން ބަޖެޓަށް މި ފަންޑު މި ކުރަނީ… ދެން މިހެން މިހެން ދަމުން ދަމުން ގޮސް މިއީ މި އަންނަ އަހަރު އެންމެ ބޮޑު ކީ ރިސްކެއްގެ ގޮތުގައި މި އޮތީ 600 މިލިއަން ޑޮލަރު މި އޭޕްރީލް މަހުގެ ތެރޭގައި ދައްކަން ޖެހޭނެ.

މިފަދަ ހާލަތްތަކަށް ކުރިޔާލައި ތައްޔާރުވެތިބުމުގެ މުހިންމުކަމަށް އިޝާރާތް ކުރައްވައި ނިޔާޒީ ވިދާޅުވީ ސަރުކާރުތަކުން ލޯނުތައް އަނބުރާ ދައްކަން ޖެހޭކަން ދެނެގަންނަން ޖެހޭކަމަށެވެ. އަދި ދަރަނި އަދާކުރުމުގެ ގޮތުން ވަކި ހާއްސަ ސިޔާސަތެއްގެ ތެރެއިން ސޮވެރިން ޑިވެލޮޕްމަންޓު ފަނޑެއް ހަދައި އެއަށް ޑޮލަރު ޖަމާކުރަމުންދާއިރު، ތަފާތު އެކި ސަބަބުތަކާއި، ބޭނުންތަކަށް ސަރުކާރުތަކުން ފަންޑުގައި ހުރި ފައިސާ ބޭނުންކުރާކަމަށް ނިޔާޒީ ވިދާޅުވި އެވެ.

އަންނަ އަހަރުގެ އެޕްރީލް މަހު 700 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ދައްކަންޖެހުމަކީ މިހާރު ދިވެހިރާއްޖެ ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ރިސްކުކަމަށް ނިޔާޒީ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދައުލަތަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަތުމަށްޓަކައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފިނޭންސް މިނިސްޓްރީގެ ރެކޯޑުތަކާއި ދަރަނި ދެއްކުމުގެ ޕްލޭންތައް ބަލާފައިވާނެކަމަށް ނިޔާޒީ ވިދާޅުވި އެވެ.

މި ރެކޯޑުތަކާއި ގުޅޭގޮތުން ނިޔާޒީ ވިދާޅުވީ އޮތީ އުދަގޫ ހާލަތެއްކަމަށެވެ. އެހެން ނަމަވެސް މިނިސްޓްރީގެ ރެކޯޑުތަކާއި، ބަދަލުކޮށްފައި ހުރި ލިޔެކިއުންތަކަށް ބަލާއިރު، ރީފައިނޭންސް ކުރުމާއި، ދަރަނި ދެއްކުމަށް އެކުލަވާލާފައި ވަނީ ރިއެލިސްޓިކް ޕްލޭންތަކެއްކަމަށް ގަބޫލު ކުރެވޭކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ހާލަތާއި ނުބައްދަލު ސިޔާސަތުތަކެއް އަޅުގަނޑުމެން ރާއްޖޭގައި މި ތައާރުފުކޮށްގެން މި ގެންދަނީ. މިސާލަކަށް ބުނާނަމަ އަޅުގަނޑުމެން 600 މިލިއަން ޑޮލަރު… ދެތިން އަހަރުގެ ތެރޭގައި ދައްކަން ޖެހޭކަން، އޮއްވައި އަޅުގަނޑުމެންގެ އެންމެ ޕްރައިމަރީ އެސެޓްސް، ހުޅުމާލޭގެ ބިންތައް ގާތްގަނޑަކަށް 1400 ބިމެއް އަޅުގަނޑުމެން ވެލިއުކޮށްލާފައި މިދެނީ.. ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ ހިލޭ ހޭންޑް އައުޓް މި ކުރީ ދެއްތޯ… ބޮޑު ދަރަންޏެއް ދައްކަން ވެފައި އޮއްވާ އަޅުގަނޑުމެންނަށް ހިލޭ ވެސް އެބަ ދެވޭ 15 ބިލިއަން ރުފިޔާ. ގާތްގަނޑަކަށް 01  ބިލިއަން ޑޮލަރުގެ ވާހަކަ މި ދައްކަނީ.. އެހެންވީމާ އަޅުގަނޑުމެންގެ ގައުމެއްގެ ކޮންކަންކަމެއްތޯ އިސްކަން ދޭނީ. ދަރަނި ދެއްކުންތޯ، އަޅުގަނޑުމެން ހިލޭ ބައެއް އަޅުގަނޑުމެންގެ މުދަލާ އެއްޗެހި ހިލޭދިނުން ތޯ..

ދަރަނިތައް ދައްކަން އޮއްވައި، ސަރުކާރުތަކުން ގޯސް ފިޔަވަޅުތައް އަޅާކަން ވެސް ނިޔާޒީ ފާހަގަކުރެއްވި އެވެ. މިސާލެއްގެ ގޮތުގައި ނިޔަޒީ ދެއްކެވީ، ލޯނުތައް ދައްކަންޖެހިފައި އޮއްވައި، ގައުމުގެ އެންމެ އަގުބޮޑު މުދާ ހިލޭ ދޫކުރުމެވެ. މިއީ ދިވެހިރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާ ނުބައްދަލު އަދި ނުރައްކާތެރި ސިޔާސަތުތަކެއްކަމަށް ނިޔާޒީ ވިދާޅުވި އެވެ. އެގޮތުން ހުޅުމާލޭގެ 1400 ބިން ހިލޭ ދޫކޮށްލާފައިވާކަން ނިޔާޒީ ފާހަގަކުރެއްވި އެވެ.

ނިޔާޒީ ވިދާޅުވީ ހުޅުމާލޭގެ 1400 ބިން ހިލޭ ދޫކޮށްލުމަކީ ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ (އެއް ބިލިއަން ޑޮލަރު) ހިލޭ ދޫކޮށްލުން ކަމަށެވެ. އަދި ވިދާޅުވީ ބޮޑު ދަރަންޏެއް ދައްކަން ވެފައި އޮއްވައި ހިލޭ 15 ބިލިއަން ރުފިޔާގެ ބިން ދޫކުރުމަކީ ރަނގަޅު ގޮތެއް ނންކަމަށެވެ.

ނިޔާޒީ ވިދާޅުވީ މިފަދަ ނިންމުންތަކަށް ބަލައި، އިސްކަން ދެނީ ދަރަނި ދައްކަންތޯ ވެސް ސުވާލު އުފެދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: