ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރޭޑްމާރކް ބިލު ރައީސް ތަސްދީޤުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓްރޭޑްމާރކް ބިލު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މިބިލަކީ، 2025 ނޮވެމްބަރ 10 ވީ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުން ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާއި ގުޅޭ ނިޒާމެއް ޤާއިމްކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާރކާ ގުޅިގެން ޓްރޭޑްމާރކްގެ ވެރިފަރާތްތަކަށް ލިބިދޭ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރެވި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްދީފައިވެއެވެ.

ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓްކުރެވޭ ޙާލަތުގައި އެޅޭނެ ފިޔަވަޅުތަކާއި، މާރކް ކައުންޓަރފީޓްކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރު ބަޔާންކޮށްފައިވެއެވެ.މި ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކްތައް، މި ބިލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް ލާޒިމްކޮށްފައިވެއެވެ.

ބިލުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 12 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: