ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ކޯސްތަކާއި ތައުލީމީ ޕްރޮގްރާމުތަކުން ދަސްވާ އެއްޗަކާއި، މަސައްކަތުގެ ތަޖުރިބާގައި ދަސްވާ އެއްޗަކާއި ވަރަށް ތަފާތުކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއި ކުރުމަށް އޮތް ރަސްމިއްޔާތުގަ އެވެ.
މި ފަހުނާމާގެ ސަބަބުން މިނިސްޓްރީއާއި ޔުނިވަރސިޓީގެ މަސައްކަތްތަކަށް އައު ހަލުވި ކަމެއް ލިބި ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެއެވެ. މި ފަހުނާމާގެ ދަށުން ޔުނިވަރސިޓީން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވަރސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ކޮލެޖު އޮފް ޓްރެއިނިން ސެޝަން ހިންގުމަށާއި ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ނެގުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އަސްވާޑު ވިދާޅުވީ، ނޫސްވެރިކަމާއި ގުޅުން ހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ބައިވެރިވުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި މިފަދަ އެކި ތައުލީމީ ޕްރޮގްރާމުތަކުން ދަސްވާ އެއްޗަކާއި، މަސައްކަތުގެ ތަޖުރިބާގައި ދަސްވާ އެއްޗަކާއި ވަރަށް ތަފާތުކަމަށް އަސްވާޑު ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބި، ގިނަ އަހަރު ކުރި މަސައްކަތުގައި ވަރަށް ގިނަ ކަންކަން އޭނާއަށް ދަސްވީކަމަށް އަސްވާޑު ވިދާޅުވި އެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސުން ނޫސްވެރިކަމުގެ ކޯސް ހިންގުމަށް މީގެ ކުރީގެ އަހަރުތަކުގައި ވެސް ގޮންޖެހުންތަކާއި ކުރިމަތިވިކަން އަސްވާޑު ފާހަގަކުރެއްވި އެވެ. އެގޮތުން ދަރިވަރުން ހަމަނުވުމުގެ ސަބަބުން ކޯސް ނުފެށި، ލަސްވެ ދިއުން ހިމެނޭކަމަށް ވިދާޅުވި އެވެ. އެއަށް ފަހު އެމްއެންޔޫ ފެކަލްޓީ އޮފް އާޓަސްގައި ނޫސްވެރިކަމުގެ ކޯހެއް ހިންގުމަށްޓަކައި، މަސައްކަތް ފަަށައި ޓީވީ މޯލްޑިވްސް (ޓީވީއެމް) ގެ ވަރަށް ބޮޕޑު އެހީތެރިކަމަކާއި އެކު އެ ސްޓޭޝަނުގެ ނިއުސްރޫމްގައި މަސައްކަތް ކުރި ގިނަ ނޫސްވެރިން ހިމެނޭ ގޮތަށް ކޯސް ފެށުނުކަމަށް އަސްވާޑު ވިދާޅުވި އެވެ. އޭރު ޕްރޮގްރާމުގައި ބައިވެރިވީ އަސްވާޑު ވިދާޅުވި ގޮތުގައި ދާއިރާއަށް ޝައުގުވެރިކަމެއް އޮތް އެހެން ނޫސްވެރިން ވެސް ހިމެނޭ ގޮތުންނެވެ.
ނޫސްވެރިކަމުގެ އެންމެ ފުރަތަމަ ކޯހުގެ ފުރަތަމަ ބެޗުގެ ދަރިވަރެއްގެ ގޮތުގައި، ދަސްވެނިވެފައިވާ މިނިސްޓަރ އަސްވާޑު ވިދާޅުވީ އެ ކޯސް ކުރިއަށް ދިޔައިރު، ބޭރުގެ އިލްމީ ގާބިލް ޕްރޮފެސަރުންނާއި ރާއްޖޭގެ މީޑިއާ އިންޑަސްޓްރީގައި އެންމެ ނަގާކިޔާ ބޭފުޅުން ލެކްޗަރަރއިންގެ ގޮތުގައި ފެކަލްޓީ އޮފް އާޓްސުން ހަމަޖައްސަވައި ދެއްވި ކަމަށެވެ. އަދި އެ ކޯސް ނިމިގެން ދިޔައިރު އޭނާގެ ތަޖުރިބާއިން އެނގިފައި ހުރި ކަންކަމާއި، ކިޔަވައިގެން އެކަން ތަޖުރިބާކޮށް އެ ކޯހުން ދަސްވި ފިލާވަޅުތަކުގެ ތަފާތު ވަރަށް ބޮޑުކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ނޫސްވެރިންނާއި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ މީޑިއާގައި ތަމްސީލު ކުރައްވައި ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ގިނަ ނޫސްވެރިން ރާއްޖޭގައި މި ލެކްވަނީ ހަގީގަތުގައި މި ފޮތުގައި ލިޔެފައި ހުރި އެއްޗެއް އަޅުގަނޑުމެން ދަސްކޮށްގެން މި ކުރަންޖެހޭ މަސައްކަތް… ރާއްޖޭގެ ނޫސްވެރިންގެ ގާތްގަނޑަކަށް، 90 އިންސައްތަ ކުދިންނަކީ މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑު ކަމުން ސްކޫލް ނިންމި ގޮތަށް ނޫސްވެރިކަމަށް ވަދެ އެކަމުގެ ތެރެއިން ދަސްވި އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން… އެއީ ވެސް މުޅިއަކުން ގޯސް ގޮތެއް ނޫން… އެހެން ނަމަވެސް އަޅުގަނޑު ރާއްޖޭގެ ނޫސްވެރިންނަށް އެއްޗެއް ދަންނަވާލާ ދަންނަވާނީ މި ޕްރޮގްރާމް ތަކުން ބައިވެރިވާށޭ… ތިޔަ ބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތުވާނެ، ތިޔަބޭފުޅުންނަށް އެނގޭ މިންވަރު ތަފާތުވާނެ، ތިޔަބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސް ކުރާ އެއްޗާއި ލިޔާ އެއްޗާއި ހަމަ ތަފާތުވާނޭ.. އަޅުގަނޑު ކޯހަށް ޖޮއިންކުރި އިރު އަޅުގަނޑު ހަމަ ހީކުރި އަޅުގަނޑަށް ދެ އިތުރަށް ނޫސްވެރިކަމުގައި ދަސްވާން ޖެހޭ އިތުރު އެއްޗެއް ނެތޭ… އަޅުގަނޑަށް ވަރަށް ގިނަ އަހަރު ނޫސްވެރިކަމުގައި އުޅެފައި ހުރީމަ. އެހެންނަމަވެސް އެއީ މުޅިން ރަނގަޅު ހީއެއް ނޫނޭ. އެހެންވީމާ އަޅުގަނޑު ހަމަ ރާއްޖޭގެ ނޫސްވެރިންގެ ބައި އެދެނީ މި ޕްރޮގްރާމް ތަކުގައި ބައިވެރިވާން…
ރާއްޖޭގެ ގާތްގަނޑަކަށް 90 އިންސައްތަ ނޫސްވެރިންނަކީ ސްކޫލް ނިންމާ ގޮތަށް މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ނޫސްވެރިކަމަށް ވަދެ، އެ ކަމުގެ ތެރެއިން ދަސްވާ އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިންކަމަށް މިނިސްޓަރ އަސްވާޑު ވިދާޅުވިއެވެ. އެއީ މުޅިއަކުން ގޯސް ގޮތެއް ނޫން ނަމަވެސް، މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުން ދަސްވާނެ އެއްޗެއް ތަފާތުވާނެކަމަށް އަސްވާޑު ވިދާޅުވިއެވެ. އަދި ކޯހެއް ނިންމާފައި ދެން ޕްރެކްޓިސް ކުރާނެ ގޮތާއި ލިޔާނެ ގޮތް ވެސް ތަފާތުވާނެކަމަށް އަމިއްލަ ތަޖުރިބާގެ އަލީގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއަދު އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއާއި އެކު އެއްބަސްވެވުނު ކަންތައްތަކުގެ ތެރެއިން ފަސް ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެމްއެންޔޫގެ ވައިސް ޗާންސެލަރ އާއި ހަވާލާދެއްވައި، އަންނަ އަހަރު ނޫސްވެރިކަމުގެ މާސްޓަސް ޕްރޮގްރާމެއް ފެށުމުގެ މަސައްކަތްތައް ވެސް ކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ނޫސްވެރިންނަށް މިނިސްޓަރ އަސްވާޑު ކުރެއްވި އިލްތިމާސަކީ މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުން ކުރު ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން، ޑިގްރީ، މާސްޓަރސް އަދި ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވުމަށެވެ. އަސްވާޑު ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން ކޯސް ފީއަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނޭ ގޮތަށް، މިކަމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ އެވެ.

