ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، މިހާތަނަށް 2241 މީހަކާ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޖުމްލަ 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ މި ސްކީމުގެ ދަށުން ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ. މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ 2200 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ރަޖިސްޓްރީއާ ހަވާލުވެފައެވެ.
ވުޒާރާއިން ވިދާޅުވީ ގުޅީފަޅުން ގޯތިލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުޞަތު ދީފައިވާ ކަމަށެވެ. ރަޖިސްޓްރީތައް ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ، ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ބަދަލުގެ ސަބަބުން ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހޭނެއެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގއަށް ވަރަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. މި ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބިން ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަހައްދުތައް ހިމެނެއެވެ. މީގެ އިތުރުން، ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ވެސް ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.

