ފުލުހަކަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ، މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 19 އަހަރާއި 25 އަހަރާއި 31 އަހަރުގެ ދިވެހި ދިވެހި ތިން ފިރިހެނެއް ކަމަށެވެ. މި ތިން މީހުން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުންނަށް އިންޒާރު ދީފައިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް މި ހަފްތާގެ ތެރޭގައި މީހަކަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ފުވައްމުލަކު ހޯދަޑު އަވަށު ޒުވާނެއް ކަމުގައިވާ އުމުރުން 19 އަހަރުގެ އަލީ ރަވާއު ހައްޔަރުކޮށްފައިވެއެވެ. ރަވާއު ހައްޔަރު ކުރުމާއި އެކު އޭނާ ދޫކޮށްލުމަށް ގޮވާލާ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލާ ކެމްޕެއިނެއްވެސް ހިންގަމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި ރަވާއު ކޮށްފައިވާ ރީ ޓްވީޓެއްގައި ބުނެފައިވަނީ ”މީނާ މަރާލަން ފަހެއް ނުޖެހޭނެ“ މިހެންނެވެ. ރަވާއު ރީ ޓްވީޓުކޮށްފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް ރާއްޖެއިން ބޭރު ގައުމެއްގައި ދައްކާފައިވާ ވާހަކައެއްގެ ވީޑިއޯއެކެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށާއި އެހެން ގޮތްގޮތުން ވެސް މީހުން މަރަން އިންޒާރު ދިން ބަޔަކު މި ފަހަކުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނައިން ހައްޔަރު ކުރީ، އެމްޑީއެމްއިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއިލަށް އަމާޒުކޮށް ޓްވީޓުކުރި ބައެކެވެ.
ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ އެވެ. އަދި ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ.
އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

