ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް، ބަހެއް ވިދާޅުވުމުގެ ފުރުސަތު ވެސް ނުދެއްވައި އެ ކޮމިޝަނުން ދެއްކީ ތިމަންނާގެ ވެސް ބާރު އެބައޮތްކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެެވެ.
އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖޭއެސްސީން ހުޅުވާލައިގެން ބޭއްވި ތަހުގީގުގައި ދިފާއީ ވަކީލެއްގެ ގޮތުން ވަޑައިގަތީ ޖަމީލެވެ. އެކަމަކު ޖޭއެސްސީން ނިންމީ ވަކީލެއްގެ ގޮތުގައި ޖަމީލް ބަލައި ނުގަތުމަށެވެ. އެއީ، ޖަމީލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ބެލުމުގައި ފަނޑިޔާރު އާދަމް މުހައްމަދު ބައިވެރިވެވަޑައިގަންނަވާތީ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސަކަށް ހުންނެވި އިރު ރައްޔިތުންގެ މަޖިލީހުން ގާނޫނާ ޚިލާފަށް އެމަނިކުފާނު މަގާމުން ވަކިކުރި ކަމަށް ބުނާ މައްސަލައެވެ. ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީ މިއަދުގެ އަޑުއެހުން ނިންމާލި އިރު ވާހަކަ ދެއްކެވުމުގެ ފުރުސަތެއް ދެއްވަން ފަނޑިޔާރު އާދަމް މުހައްމަދު ގެންދެވީ އެދިވަޑައިގަންނަވަމުންނެވެ. އެކަމަކު ޖޭއެސްސީން އެ ފުރުސަތެއް ނުދިނެވެ.
https://twitter.com/MJameelAhmed/status/1189428699403177990
އެ މައްސަަލައިގައި ޖޭއެސްސީން ކަންތައް ކުރެއްވި ގޮތާއި ގުޅޭގޮތުން ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޖޭއެސްސީން އަމަލުކުރީ އަމިއްލަ އުސޫލަކަށެވެ. އަދި ބަހެއް ބުނެލުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަރާތަށް ނުދީ ބާރު އޮތްކަން ދައްކާލީ ކަމަށް ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވީ ޖުޑީޝިއަރީ އިސްލާހު ކުރެވޭނީ މިހާވަރަކަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީ މިއަދު ސިޔާސީ ތަނެއްކެވެ. އަދި ގާނޫނުއަސާސީން ދީފައިވާ ވަކީލެއްގެ ހައްގުހަނިކުރިތަން ފެނިގެން ދިއުމަކީ އޭގެ ހެއްކެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
https://twitter.com/MJameelAhmed/status/1189428763626360832
ފަނޑިޔާރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭއެސްސީން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަމަށް ބުނާ މައްސަތަކެކެވެ. އެކަމަކު ތަފްސީލެއް ޖޭއެސްސީން އަދި ހާމައެއް ނުކުރެ އެވެ. އާދަމް މުހައްމަދުގެ ޝަރީއަތް ހުޅުވާލައިގެން ބާއްވަނީ ޖޭއެސްސީގައި އެގޮތަށް އޭނާ އެދިވަޑައިގަތުމުންނެވެ.

