މިހާތަނަށް އައިރު 70 ފަހަރަށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރެވިފައިވާ ކަމަށާއި، އަދި ލިޔުމުން ޖަވާބު ހޯދުމަށް ފޮނުއްވި 26 ސުވާލަކަށް ޖަވާބު ވަޒީރުން އަރުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން ސަންގަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް މިކަން ފާހަގަކުރެއްވީ، ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ، ވަޒީރުންނަށް ސުވާލުކުރުމަށްޓަކައި މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ސުވާލުތަކެއް ހުށައަޅުއްވާ ކަމަށެވެ. އެގޮތުން 70 ފަހަރަށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރުންނަކީވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންތަކެއް ކަމަށާއި، ސަރުކާރު އައިރު ގިނަ މަސައްކަތްތަކެއް ކެބިނެޓުން ކުރާންވެސް ޖެހިފައިވާ ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި އެންމެ އިސްދައުރެއް އަދާ ކުރައްވާ ފަރާތްތަކަކީވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ތަކުރާރުކޮށް ވިދާޅުވީ، ރައީސް އާއިއެކު ރަށްރަށަށް ވަޑައިގެން އުޅުއްވަމުންވެސް 70 ފަހަރަށް ވަޒީރުން މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާ ކަމަށެވެ.
”ލިޔުމުން ޖަވާބު ހޯދަން ފޮނުއްވި ސުވާލުތަކަށްވެސް މިހާތަނަށް 26 ސުވާލަކަށް ވަޒީރުން ޖަވާބު ދެއްވާފައިއެބަވޭ. އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މުޅިން ރަނގަޅުވާހަކައެއް ކަމަށް އެދެކެވެނީ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށް ގަބޫލު ނުކުރެއްވޭ ސަބަބު ބަޔާން ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އަމިއްލައަށް އިސްނަގައިގެން އެތައް މައްސަލައެއް ބަލަމުން ގެންދާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލާ ނިންމުމަށްފަހު ދޭ ލަފައާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވާފައިވެސް އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ މިސާލެއްގެ ގޮތުން، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމި ނިންމުމަކާއި ގުޅިގެން ސަރުކާރުގެ ވަރަށް ވަރުގަދަ މުވައްސަސާތަކެއްގައި ތިއްބެވި ވެރިންތަކެއްގެ މައްޗަށްވެސް ފިޔަވަޅު އެޅުއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން މިނިވަން މުވައްސަސާތަކުގެ ކޮމިޓީންވެސް މައްސަލަތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީއެއް އޮވެގެން ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން އެހެން ގަބޫލުކުރާނެ ކަމަށާއި، އެއީ އެބޭފުޅުން ބޭނުންވަނީ ސަރުކާރު ހުއްޓުމަކަށް ގެންނަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

