މިއަދު ބައެއް މުސްލިމުންެ އިސްލާމްދީނައި ބީރައްޓެހި ފިކުރުތަކުގެ ޝިކާރައަކަށް ވުމުގެ ސަބަބަކީ އެބައިމީހުންގެ ހިތްތަކުގައި ކީރިތި ގުރުއާން އަށަގެނިވިފައި ނެވުމުގެ ނަތީޖާކަަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނެފައިވަނީ މީހުން ބީރަށްޓެހި ފިކުރުގެ ޝިކާރައަކަށް ވަނީ، ކީރިތި ގުުރުއާނަށް އަހުލުވެރިވެ އެ ފޮތަށް އިހްތިރާމް ކުރަން ދަސްވެފައި ނެތުމުގެ ސަބަބުން ކަމަށެވެ. އަދި ކީރިތި ގުރުއާނުން މިންވަރެއް ވެސް ހިތުގެ ތެރޭގައި ނިވާ މީހަކު ހެޔޮ މަގުން އެއްކިބާވެގެން ހިނގައިދާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ﷲ އަށާއި އާހިރަތް ދުވަހުގެ އަޒާބަށް ބިރުވެތިވާ މީހާ، ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުން ފަދަ އަމަލުތައް ކުރުމަށް ޖެހިލުން ވާނެ ކަމަށެވެ. އަދި ކީރިތި ގުރުއާނަށް ކަމޭހިތައި އިހުތިރާމް ކުރުމަކީ ކޮންމެ މީހެއްގެ ވެސް އީމާން ކަމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
ހުތުބާގައި ބުނެފައިވަނީ ކީރިތި ގުރުއާނުގެ އާޔަތްތަކާއި މާތްﷲގެ އިސްމަފުޅުތައް ލިޔެފައިވާ ފޮތްތަކާއި ނޫސް މަޖައްލާތަކާއި އަދި ކީރިތި ގުރުއާނާއި މާތްﷲގެ އިސްމަފުޅު ހިމެނޭ ސްކޫލު ކުދިންގެ ފޮތްތަކާއި ކަލަންޑަރު ފަދަ ތަކެތި ބިންމައްޗަށް އުކާލައި ހެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ.
އެހެން ކަމުން މި މުގައްދަސް ފޮތަށް ހުރިހާ ސިފައެއްގައި ވެސް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ މުސްލިމު މީހެއްގެ މައްޗަށް ވާޖިބުކަމެއްގެ ގޮތުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ވަނީ އަމިއްލަ ނަފުސަށާއި އެންމެ ތަކުންނަށް މާތްﷲ އަށް ބިރުވެތިވެ، ތަގުވާވެރިވުމަށް ވަސިއްޔަތަކޮށްފައެވެ. އަދި ތަގުވާވެރި ވުމަކީ ﷲގެ އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާންގެ ނަހީ ކުރެއްވި އެންމެހައި ކަންތަކުން ދުރުހެލިވެތިބުން ކަން ވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ކީރިތި ގުުރުއާނަކީ މާތްﷲ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ބާއްވައިލެއްވި އިލާހީ ގާނޫނު ކަމަށާއި އެއީ މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖުކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އެހެން ކަމުން މުސްލިމުން ކީރިތި ގުުރުއާން ކިޔަވައި އެ ފޮތާއި އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަން ކުރަންޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ކޮންމެ މީހަކުވެސް ދަރީންނަށް ކީރިތި ގުރުއާން އުނގަންނައިދޭން ޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެ ކުދިންގެ ހިތްތަކުގައި ގުރުއާނުގެ ލޯބި އަށަގަންނުވައި އެ ފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
ހުތުބާގައި ބުނެފައިވަނީ ގުރުއާނަކީ ބަލާޣަތްތެރިކަމާއި ފަޞާހަތްތެރިކަމުގައި ވެސް މުއުޖިޒާތެއް ކަމަށެވެ. އަދި ޖާހިލީ ޒަމާނުގައި އަރަބީންގެ ތެރޭގައި އުޅުނު އެންމެ ފަޞާހަތްތެރިން ވެސް ވަނީ އެފަދަ ގުރުއާނެއް ގެނައުމަށް ނުކުޅެދިފައި ކަމަށެވެ.
ހުތުބާގައި ބުނެފައިވަނީ ކީތިތި ގުުރުއާން ބާއްވައިލެއްވީ ﷲ تعالی ގުރުއާން ބާއްވައިލެއްވުމުގެ ކުރިން ބާއްވައިލެއްވި ހުރިހާ ފޮތްތަކެއް ތެދުކުރަވަނި އަދި އެ ފޮތްތަކުގެ މައްޗަށް ހެކިވަނި ގޮތެއްގެ ގޮތުގައި ކަމަށެވެ.
ގުުރުއާނަކީ ނިމުމެއް ނުވާ އިލާހީ އެންމެ ބޮޑު މުއުޖިޒާތް ކަމަށާއި އިސްލާމް ދީނުގެ އަދާވާތްތެރިން އެ ގުރުއާން ނައްތާލުމަށް ނުވަތަ ބަދަލުކޮށް އޮޅުވާލުމަށްޓަކައި ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކާމިޔާބެއް ނުވާނެ ކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.
މުސްލިމުންގެ މުޅި އަމަލީ ހަޔާތް، ގުުރުއާނާއި އެއްގޮތަށް ބައްޓަން ކުރުމަށް ގޮވާލާ ހުތުބާގައި ބުނެފައިވަނީ އެ ފޮތަކީ މުސްލިމުންގެ ހިތަށް ދިރުން ލިބި، ހތްހަމަޖެހުމާއި އުފާވެރިކަން ހާސިލްވާނެ ކަމެއް ކަމަށެވެ. އަދި ގުުރުއާން ދިރިއުޅުމުގެ ޝައުގުވެރިކަން، މީހާގެ ހިތުގައި އުފައްދައިދޭނެ ކަމަށެވެ.
ހުތުބާގައި ބުނެފައިވަނީ ގުރުުއާނަކީ މުސްލިމުންގެ ދުސްތޫރުކަމުގައި ވީ ފަދައިން އެއީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އެންމެ ބޮޑު އަސާސްކަމަށެވެ. އަދި އެންމެހައި ނުރައްކާތަކުން މުއުމިން އަޅާ ސަލާމަތްކޮށްދޭނެ ގަދަފަދަ ބާރު ކަމަށެވެ.

