ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ޒޯނު ތަރައްގީ ކުރުމަށް ރާއްޖެއިން އެހީތެރިވާ އިދާރާގެ އިސްވެރިއަކަށް މެލޭޝިއާގެ ތަޖުރިބާކާރެއް

މިފްސާގެ ސީއީއޯ ދާތޯ އިސްކަންދަރު މުހައްމަދު ނޫލީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ކަމުގެ މަގާމަށް، މެލޭޝިއާގެ މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ އައްޔަންކޮށްފިއެވެ.

މިފްސާއަކީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ.) ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ދިވެހި ސަރުކާރުގެ އިދާރާއެކެވެ.

ދާތޯ އިސްކަންދަރުއަކީ އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ފުންނާބު އުސް ބޭފުޅެކެވެ. ހާއްސަކޮށް މާލީ ހިދުމަތްތައް ބަލަހައްޓާ އިދާރާތަކުގައި އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. އެމަނިކުފާނުގެ ފުޅާ ތަޖުރިބާގެ ސަބަބުން ރާއްޖޭގެ މާލީ ޒޯން ގާއިމުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މާލީ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ

ދާތޯ އިސްކަންދަރުގެ ވަޒީފާގެ ދާއިރާ ފެށިގެން އައީ 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާއިންނެވެ. އޭގެ ފަހުން، 1996 ވަނަ އަހަރު ލަބުއާން ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (ލަބުއާން އެފްއެސްއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެންމެ ފުރަތަމަ މުވައްޒަފުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ.

ލަބުއާން އެފްއެސްއޭގައި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ އިސް މަގާމު އަދާކުރައްވައި، އެ އޮތޯރިޓީގެ މައި ޑިޕާޓްމަންޓްތައް ކަމަށްވާ ގާނޫނީ، ސުޕަރވިޜަން، ސިޔާސަތު، އަދި ހިއުމަން ރިސޯސަސް ފަދަ ދާއިރާތައް ބެލެހެއްޓެވިއެވެ. މީގެ އިތުރުން، ޖެނުއަރީ 2020 އިން ޖެނުއަރީ 2025 ގެ ނިޔަލަށް ލަބުއާން އައިބީއެފްސީ ބަރހާދްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

ގާނޫނީ ދާއިރާއިން ދާތޯ އިސްކަންދަރު ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވައިފައެވެ. ލަބުއާން އެފްއެސްއޭއަކީ ސަރުކާރުގެ މަރުކަޒީ އިދާރާއެއްގެ ގޮތުގައި ގާއިމުކުރުމަށްޓަކައި، ލަބުއާން ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގާނޫނު 1996 އެކުލަވާލެއްވުމުގައި އެމަނިކުފާނު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި 2008 އާއި 2010 އާ ދެމެދު، ލަބުއާން އައިބީއެފްސީގެ ގާނޫނީ އޮނިގަނޑު މުރާޖައާކޮށް، ޒަމާނީކުރުމުގެ މުހިންމު މަސައްކަތް ކުރެއްވިއެވެ.

މި މަސައްކަތުގެ ތެރޭގައި، އޮފްޝޯ ފައިނޭންސިންއާ ބެހޭ އިސްލާމީ ޝަރީއަތުގެ ގާނޫނުތައް ފުރަތަމަ ފަހަރަށް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން ފައިސާ ލޯންޑަރ ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމާ ބެހޭ ގައުމީ ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުންވެސް އެމަނިކުފާނު ހިދުމަތް ކުރައްވާފައިވެއެވެ.

ދާތޯ އިސްކަންދަރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯސް (އޮނާރސް) ހާސިލްކުރެއްވުމުގެ އިތުރުން، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓްވެސް ހާސިލްކުރައްވާފައެވެ. އެމަނިކުފާނަކީ ސަރޓިފައިޑް ފައިނޭންޝަލް އިންވެސްޓިގޭޓަރެއްގެ އިތުރުން، މެލޭޝިއާގެ ސަރަވާކްގައި ޝަރުއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ތަޖުރިބާ ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ރާއްޖެއަށް ދުނިޔޭގެ އިންވެސްޓްމަންޓްތައް ގެނައުމުގެ ފުރުސަތު

މި މަގާމާ ހަވާލުވެވަޑައިގެން ދާތޯ އިސްކަންދަރު ވިދާޅުވީ، ”މި މަގާމާ ހަވާލުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. ޒަމާނީ، ދެމެހެއްޓެނިވި މާލީ މަރުކަޒެއް ތަރައްގީކުރުމަށް ދިވެވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތަކީ، ދުނިޔޭގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ބައިނަލްއަގްވާމީ މާލީ ދާއިރާގައި ވާދަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެ“ ކަމަށެވެ. މިފްސާގެ އިސްވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ މަސައްކަތްތަކުން ރާއްޖޭގެ މާލީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: