ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ކުރިއަރުވައި، އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަންކަން ފުޅާކުރާނަން: އުޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްޤީއާ އެއްގޮތަށް ކުރިއަރުވައި، އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ފުޅާކުރާނެކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާ ގެ ދަށުން، 2022 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ޕީރިއޮޑިކް ރިޕޯޓު އ.ދ. ގެ ކޮމިޓީ އޮން ދި އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (ކޮމިޓީ) އިން ރިވިއުކުރުމަށްޓަކައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

24 އެޕްރީލް 1984 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 13 – 15 ވަނަ ޕީރިއޮޑިކް ރިޕޯޓު ރިޕޯޓުގައި، 2011 އިން 2022 ގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖެއިން ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި މުޢާހަދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިދިނުމާގުޅޭގޮތުންނާއި ކޮމިޓީއިން ދިވެހިރާއްޖެއަށް ތަންފީޛުކުރުމަށް ހުށަހަޅާފައިވާ ކަންކަމާގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވެއެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.

ރިވިއު ފެއްޓެވުމުގެ ގޮތުން ބަންޑާރަނައިބު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި، މި މުޢާހަދާގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޒިންމާއަކަށްވުމުގެ އިތުރުން، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހަމަހަމަކާއި ތަފާތު ނުކުރުމުގެ އަސާސްތަކާ ގުޅިލާމެހިފައިވާ އުސޫލީ އިލްތިޒާމެއްކަމަށް ވިދާޅުވެފައިވެއެވެ. ދިވެހި މުޖުތަމަޢުއަކީ، އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް ތަބާވާ، އެއް ޘަޤާފަތެއް ގެންގުޅޭ ބަޔަކަށްވާއިރު، މި މުޢާހަދާގެ އުސޫލުތައް ދިވެހިރާއްޖޭގެ މައްޗަށް ހިނގަނީ، ދިވެހިރާއްޖޭގައި އުޅޭ އެހެން ޤައުމުތަކުގެ މަސައްކަތްތެރިންގެ ޙައްޤުތަކާގުޅޭގޮތުން ކަމަށްވާތީ، އެކަންކަން ކަށަވަރުކުރުމަށްޓަކައި، މިދާއިރާގައި ހުރި ގޮންޖެހުންތައް ބަލައިގަނެ، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްޤީއާ އެއްގޮތަށް ކުރިއަރުވައި، އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ފުޅާކުރާނެކަމަށް ވިދާޅުވިއެވެ.

މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އާއި، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، މިނިސްޓަރ އޮފްސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް  ޑޮކްޓަރ ޢަބްދުﷲ ނަޒީރުގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި،  މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިސްވްސް ކަރެކްޝަނަލް ސަރވިސްއާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި، އެންޓި-ޓްރެފިކިންގ އިން ޕަރސަންސް އޮފީހާއި، މޯލްޑިވްސް އިމިގްރޭޝަން އާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ކަމާބެހޭ ބޭފުޅުންނާއި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުންނެވެ.

މި ރިވިއު ސެޝަނަށްފަހު، ދިވެހިރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް ޙިއްޞާކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: