ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޖަރުމަނުގެ އެއާލައިނެއް ކަމަށްވާ, ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ކޮންޑޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުއެވެ.
ރަސްމިއްޔާތުގައި ކޮންޑޯގެ އިންޓަކޮންޓިނެންޓަލް ސްޓޭޝަންސްގެ އޭރިއާ މެނޭޖަރު ސްޓެފަން މެކްކެނާ އާއި ކޮންޑޯގެ އޭޝިއާ އަދި އިންޑިއަން އޯޝަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ރީޖަނަލް މެނޭޖަރު ރޮން ޕްލެން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 302 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓް, DE2320 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ކޮންޑޯ އިން ރާއްޖެއަށް ދަތުރުތައް ފެށީ 31 އޮކްޓޫބަރު 1981 ގައެވެ.
މިއީ ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ފުރަތަމަ އެއާލައިނެވެ.
ކޮންޑޯ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 26 އަށް އިތުރުވެފައެވެ. އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

