ގައުމީ އެއާލައިން، މޯލްޑިވިއަނުން، އިންޑިއާގެ ކޮޗިންއަށާއި ޓްރިވެންޑްރަމަށް ކުރާ އުދުހުންތަކުގެ އަދަދު އިތުރުކޮށްފިއެވެ.
މިއީ، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް އިތުރު ފަސޭހަކަން ގެނެސްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.
މޯލްޑިވިއަނުން ބުނިގޮތުގައި، ދިވެހީން އެންމެ ގިނައިން ދަތުރުކުރަމުން އަންނަ، ކޮޗިންއާއި ޓްރިވެންޑްރަމަށް، އެ އެއާލައިނުން ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފައިވާކަމަށެވެ. އެގޮތުން، ހަފްތާއަކު، ފަސް ދަތުރު އަޅަން ނިންމައިފައިވާއިރު، އެފަދައިން ދަތުރު ކުރުމަށް އަންނަ މަހުގެ 19 ދުވަހުގައި ފަށާނެކަމަށް މޯލްޑިވިއަނުން ބުނިއެވެ.
މޯލްޑިވިއަނުން ބުނީ، ހަފްތާގެ އާދީއްތަ، އަންގާރަ ފިޔަވާ އެެހެން ހުރިހާ ދުވަހަކު ވެސް މޯލްޑިވިއަނުން ކޮޗިންނަށާއި ޓްރިވެންޑްރަމަށް ދަތުރުކުރާނެ ކަމަށެވެ.
ގައުމީ އެއާލައިނުން ފޯރުކޮށްދޭ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަމުން އަންނައިރު، ދާދިފަހުން، ރާއްޖެތެރެ ނުވަތަ ޑޮމެސްޓިކް އުދުހުންތަކުގެ ތެރެއިން، ށ. އަތޮޅު ފުނަދޫ އެއާޕޯޓަށް ކުރާ އުދުހުންތަކުގެ އަދަދު ވަނީ އިތުރުކޮށްފައެވެ.
މީގެއިތުރުން، އެ އެއާލައިންގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައިވާއިރު، އިތުރު ވައިޑް ބޮޑީ މަތިންދާ ބޯޓުތަކެއް ގެނައުމުގެ މަސައްކަތް، އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

