ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދުންމާރި ފުމެ މަޖިލީޙުގެ ނިޒާމް ގެއްލުވާލި ކަމަށް ބުނެ އިދިކޮޅު ކޯލިޝަންއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ނަން އިއްވުމަށް ފަހު މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީޢަތް ތާވަލް ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ޖޭއެސްސީއަށް ހާޒިރުކޮށް އޭނާގެ ސުލޫކީ މައްސަލަ ޖޭއެސްސީން ކުރިއަށް ގެންދަން ފެށުމުންނެވެ.
ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރު ކުރެއްވި މެމްބަރުންގެ ތެތޭގައި ހިމެނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްއާއި، ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދުއާއި، ނައިފަރު ދާއުރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން އެހެން ބައެއް މެމްބަރުން ވެސް ހިމިނެއެވެ.
އެގޮތުން މަޖިލިހުގެ ރިޔާސަތުގައި އިންނެވި، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްވެވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސައިން މުހައްމަދު ލަތީފްގެ ނަމެވެ.
މަހިބަދޫ ދާއިރާގެ މެމްބަރުގެ ނަން އިއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ ތޯރިގްގެ އަތްޕުޅުގައި އޮތް ދުންމާރި އަތުލެއްވުމަށް ފަހު ދުންމާރި މަޖިލީޙުގެ އިދާރާއަށް ނެގްގެވުމަށެވެ. އަދި މަޖިލީޙުގެ ތަޅުމުން ނިކެމެވަޑައިގެން ފާރަށް މޫނުވާ ގޮތަށް ކޮޅަށް ހުންނެވުމަށް މަޖިލީހުގެ ރައީސް ރައީސް ނަޝީދު ތޯރިގްއަށް އެންގެވިއެވެ.
ނަން އިއްވެވި މެމްބަރުންގެ ތެރެއިން ނޮލީވަރަމް ދާއުރާގެ މެމްބަރު ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި މަޖިލީހުގެ ރައީސް ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާފައިދާ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކޯޓުގެ ވައިބަރ ގުރޫޕަކަށް ޕޯސްޓް ކުރެއްވުމުން ބޮޑުކަމަކަށްވެ ހައިލަމް ސަސްޕެންޑް ކުރިއިރު ކީރިތި ރުސާލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު އެމްޑީއެންގެ މައްސަލަ މަޖިލީޙުގެ ރައީސްއަށާއި ރައީސް ސާލިހުއަށް ބޮޑު ކަމަށް ނުވި ކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވަނިކޮށް އިސްލާމްދީނަށް ފުރައްސާރަ ކުރި ބޔަކާ މެދު ފިޔަވަޅު ނޭޅި ލަސްވެގެން ދިއުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން މެމްބަރުން ނަޝީދު މަޖިލީޙުގެ ރައީސް ރައީސް ނަޝީދު މީގެކުރިން އިސްލާމްދީނާއި ގުޅޭ ގޮތުން ޑެންމާކްގައި ދެއްކެވި ވާހަކަފުޅާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުއަށް މެންޑާލާގެ ލަގަން ދެއްވައިގެން އެމްޑީޕީގެ މެމްބަރުން ވާހަކަފުޅު ދައްކަވާތީ އެކަމަށް ވެސް މެމްބަރު ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ.
މިއަދުގެ މަޖިލީޙުގެ ޖަލްސާ ހޫނުވެ މެމްބަރުންގެ ނަން އިއްވެވި އިރު މަޖިލީޙުގެ ތަޅުމުގައި ބަސް ކުރަމުން ދިޔައީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށެވެ. އެ މައްސަލައަކީ އެއްވެ އުޅުން ހަނިވާ ގޮތަށް ގާނޫނުއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރުން ލަސްވާތީ ހުށަހެޅި މައްސަލައެކެވެ.

