ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން، ފްލެޓު ލިބޭ 3880 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި އެއްބަސްވުންތައް ހަދާފައިވަނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުންނެވެ. މިނިސްޓްރީން މި މައުލޫމާތު ހާމަކުރީ 2025 ނޮވެމްބަރު 25 ވަނަ ދުވަހު އެކްސް ގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް
އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށްދާއިރު، ފްލެޓު ލިބޭ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިގޮތުން، އެއްބަސްވުމުގައި ސޮއިކޮށް ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަމުން ދާއިރު، މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޑިޕޮސިޓްގެ ފައިސާ ދައްކާފައެވެ.
4000 ހައުސިން ޔުނިޓުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ތަޅުގަނޑި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދަނީ މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ އެޕާޓްމެންޓުތަކެވެ. އެފްޑީސީން މަސައްކަތް ކުރަމުން ދަނީ 2026 ފެށުމުގެ ކުރިޔަށް ހުރިހާ ފްލެޓެއްގެ ވެސް ތަޅުދަނޑި ހަވާލުކޮށް ނިންމާލުމަށެވެ.
މަޝްރޫޢުގެ ތަފްސީލު
މި 4000 ހައުސިންގ ޔުނިޓުގެ މަޝްރޫއުގައި ޖުމަލަ 32 ޓަވަރު ހިމެނެއެވެ. މީގެ ތެރެއިން، 16 ޓަވަރު ތަރައްގީކުރީ އިންޑިއާގެ އެންބީސީސީއިންނެވެ. ބާކީ ހުރި 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީއިންނެވެ. އެހެންކަމުން، މި ދެ ކުންފުންޏަށް ވެސް 2،000 ހައުސިންގ ޔުނިޓު ނިންމާލުމުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައެވެ.
މި ހައުސިންގ މަޝްރޫއަކީ، ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ލުއި ގެނެސްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއު ނިމި، ފްލެޓުތައް ހަވާލުކުރެވުމުން، މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިގެންދާނެއެވެ.

