ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނެއް ގެނައުމަށް ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ. ކުރެންދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާމިން ހަބީބު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ މަގުތަކުގެ ސަލާމަތްތެރިކަން އިތުރުކުރުމާއި، ދަތުރުފަތުރުގެ ޤާނޫނާއި ގަވައިދުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކުރުމެވެ.
މި ބިލުގައި ހިމެނޭ އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި ޑީމެރިޓް ޕޮއިންޓް ސިސްޓަމެއް ތައާރަފުކުރުމާއި، ބޭރު ޤައުމުތަކުގައި ދިވެހިންނަށް އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ އުސޫލުތައް ހިމެނެއެވެ.
ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ އުސޫލުތަކަށް އަންނަ ބަދަލުތައް
މި ބިލާއިއެކު އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަންނަ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ބޭރު ޤައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ދިނުމެވެ. ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނަގާފައިވާ ހުރިހާ ފަރާތްތަކަށް، އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް (އައި.ޑީ.ޕީ) ހޯދައިގެން ބޭރުގެ ޤައުމުތަކުގައި އުޅަނދު ދުއްވޭނެއެވެ. މީގެ އިތުރުން، ދިވެހި ލައިސެންސް ޤަބޫލުކުރާ ޤައުމުތަކުގެ ލިސްޓެއް މިނިސްޓްރީން އާންމުކޮށް އިޢުލާނުކުރުން ވެސް މި ބިލުގައި ލާޒިމުކުރެއެވެ.
ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް ވެސް މި ބިލުން ވަކި އުސޫލުތަކެއް ކަނޑައަޅައެވެ. އެމީހަކު 90 ދުވަހަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ދިރިއުޅޭނަމަ، ދިވެހިރާއްޖޭގެ އުސޫލުތަކާ އެއްގޮތަށް ލައިސެންސް ނަގަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.
ލައިސެންސް ޑީމެރިޓް ސިސްޓަމް ތަޢާރަފުކުރުން
މަގުތަކުގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، މި ބިލުން ވަނީ ލައިސެންސް ޑީމެރިޓް ސިސްޓަމެއް (ޑީ.އެމް.އެސް) ތަޢާރަފުކުރުމަށް ހުށަހަޅާފައެވެ. މި ޤާނޫނާއި އޭގެ ދަށުން ހަދާ ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކުގެ ލައިސެންސުން ޕޮއިންޓު އުނިކުރެވޭނެ އިންތިޒާމު ފުލުހުންގެ ބެލުމުގެ ދަށުން ހަމަޖައްސަން ޖެހެއެވެ. މި ސިސްޓަމް، ބިލު ޤާނޫނަކަށްވުމަށްފަހު ދެ އަހަރުގެ ތެރޭގައި ހިންގަން ފަށަން ޖެހޭނެއެވެ. ޕޮއިންޓު އުނިކުރާ ވަގުތުން ލައިސަންސްގެ ވެރިފަރާތަށް އެކަން އެނގޭނެ ގޮތް ހަމަޖެއްސުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ލައިސެންސް ބާތިލުކުރުމާއި އަލުން ހޯދުމުގެ އުސޫލުތައް
ޑީމެރިޓް ޕޮއިންޓުތައް އިތުރުވެގެން ލައިސެންސް ބާތިލުކުރެވޭނެ އުސޫލުތައް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ. ޕޮއިންޓު އިތުރުވެގެން ލައިސެންސް ހިފެހެއްޓި ނުވަތަ ބާތިލުކުރެވިއްޖެނަމަ، ދައުލަތުގެ އިދާރާތަކަށް އެކަން އެނގޭނެ ގޮތް ހަދަން ޖެހެއެވެ. އަދި ލައިސެންސް ބާތިލުކުރެވޭ ފަރާތްތަކަށް އަލުން ލައިސެންސް ދޫކުރެވޭނީ މިނިސްޓްރީން ހިންގާ ’ޑްރައިވަރ އެޑިއުކޭޝަން ޕްރޮގްރާމް‘ އިން ފާސްވުމަށްފަހުގައެވެ. މީގެ އިތުރުން، 5,000 ރުފިޔާއަށްވުރެ މަތީގެ ޖޫރިމަނާއެއް ކުރެވޭ ހާލަތްތަކުގައި ވެސް ލައިސެންސް ހިފަހައްޓާ، ބާތިލުކުރުމުގެ ބާރު ބިލުން ދީފައިވެއެވެ.
ޑީމެރިޓް ޕޮއިންޓުތައް އުނިކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. ޑީމެރިޓް ޕޮއިންޓެއް ރިކޯޑުކުރެވޭތާ ދެ އަހަރުގެ ތެރޭގައި އެމީހެއްގެ ފުށުން އިތުރު ކުށެއް ނުފެންނަނަމަ، ރިކޯޑުކުރެވިފައިވާ ހުރިހާ ޕޮއިންޓެއް އުނިކުރެވޭނެއެވެ. އަދި ޑްރައިވަރ އެޑިއުކޭޝަން ޕްރޮގްރާމުން ފާސްވާ ފަރާތްތަކުގެ ޕޮއިންޓުތައް ވެސް އުނިކުރުމަށް ވަނީ ހިމަނާފައެވެ.
ވަގުތީ ހުއްދަ ދިނުމާއި ސްޕީޑް ލިމިޓް ކަނޑައެޅުން
ޓްރެފިކް ފުލުހުން މީހެއްގެ ލައިސެންސް ހިފަހައްޓައިފިނަމަ، ޖޫރިމަނާ ދެއްކުމުގެ އިންތިޒާމު ރަސްމީ ބަންދު ދުވަސްތަކުގައި ހަމަޖެހިފައިނުވާ ހާލަތްތަކުގައި، ލައިސެންސްގެ ބަދަލުގައި 48 ގަޑިއިރަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫކުރެވިދާނެކަމަށް ބިލުގައިވެއެވެ. މި 48 ގަޑިއިރު ގުނުމުގައި ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެއެވެ. މިއީ ޤާނޫނީ ކަންކަން ހަމަޖެހެންދެން ދަތުރުފަތުރުގެ ކަންކަން ހުއްޓުމަކަށް ނާނެހެން ހެދުމަށްޓަކައި ހިމަނާފައިވާ ލުއިފަސޭހަ ކަމެކެވެ.
އުޅަނދު ދުއްވޭނެ އެންމެ މަތީ ސްޕީޑް ލިމިޓް ކަނޑައެޅުމުގެ ބާރު މި ބިލުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީފައެވެ. މި ބާރުގެ ދަށުން ރަށްރަށާއި، ސިޓީތަކުގެ އިތުރުން ސިނާއީ ސަރަހައްދުތައް ފަދަ ތަންތަނުގައި ވެސް ސްޕީޑް ލިމިޓް ކަނޑައެޅޭނެއެވެ. މިއީ، މަގުތަކުގެ ޙާލަތަށް ބަލައި ސަލާމަތީ ފިޔަވަޅުތައް ވަކިވަކިން އެޅުމަށް ލިބޭ ބާރެކެވެ.
އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނަކީ، ރާއްޖޭގެ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، ދަތުރުފަތުރުގެ ޤާނޫނުތައް ހަރުދަނާކުރުމަށްޓަކައި ގެނެވޭ މުހިންމު ބަދަލުތަކެކެވެ. ޑީމެރިޓް ޕޮއިންޓު ސިސްޓަމް ތަޢާރަފުކުރުމާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ އުސޫލުތައް ހިމެނުމަކީ، ދިވެހިރާއްޖޭގެ ޓްރެފިކް ނިޒާމު އިތުރަށް ހަރުދަނާކޮށް، މަގުތަކުގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް އެޅޭނެ ހެޔޮ ފިޔަވަޅުތަކެކެވެ. މި ބިލު ޤާނޫނަކަށްވުމުން، ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

