ދައުލަތުގެ މާލީ ކަންކަން ހަރުދަނާކޮށް، ފިސްކަލް ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި އެކުލަވާލާފައިވާ ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ، އެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި އިސްލާހުގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހުގެ ޖަލްސާގައި އިއްވައިފައެވެ.
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސްކުރުން
ފިސްކަލް ޒިންމާގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ މައިގަނޑު އިސްލާހަކީ، އެ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލާ، އެއަށް ޢަމަލު ކުރަން އޮތް މުއްދަތު ފަސްކުރުމެވެ. މިހާރު ޤާނޫނު އޮތް ގޮތުން، މި ޗާޓަރު އެކުލަވާލައި ފާސްކޮށް، އެއަށް ޢަމަލު ކުރަން ޖެހޭނީ ކަނޑައެޅިފައިވާ ކުރު މުއްދަތެއްގެ ތެރޭގައެވެ. ނަމަވެސް ހުށަހެޅިފައިވާ އިސްލާހުގައި ބުނެފައިވަނީ، އެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެނަމަ، ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ފާސްކޮށް ޢަމަލު ކުރަން ޖެހޭނީ 3 ޑިސެމްބަރު 2026 ގައެވެ.
މި ޗާޓަރުގެ މަޤްޞަދަކީ ދައުލަތުގެ މާލީ ޙާލަތު ބެލެހެއްޓުމަށްޓަކައި ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމާއި، ދަރަނި އިތުރުވިޔަ ނުދިނުމަށްޓަކައި ލިމިޓްތަކެއް ކަނޑައެޅުމެވެ. މިފަދަ މުހިންމު ޗާޓަރެއް އެކުލަވާލައި ޢަމަލުކުރުން ފަސްކުރުމަކީ، ދައުލަތުގެ މާލީ ޒިންމާދާރުކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަށް ވަގުތީ ހުއްޓުމެއް އައުމެވެ.
ޕީ.އެސް.އައި.ޕީ ޕްރޮގްރާމްތަކުގެ މާއްދާއަށް ޢަމަލުކުރުން
އާ އިސްލާހުގައި ހިމެނޭ އަނެއް މުހިންމު ކަމަކީ، ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު (ޕީއެސްއައިޕީ)ގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމުތަކާ ގުޅޭ މާއްދާއަށް ޢަމަލުކުރުން ވެސް ފަސްކުރުމެވެ. މިހާރުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން، ޕީއެސްއައިޕީގެ ދަށުން ހިންގާ ޕްރޮގްރާމުތައް ބަޖެޓުގައި ހިމެނުމުގެ ކުރިން އެ ޕްރޮގްރާމުތަކުގެ ފީޒިބިލިޓީ ވަޒަންކޮށް، އެ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ އިޤްތިޞާދީ އަދި މާލީ މަންފާ، އިޖުތިމާޢީ މަންފާ، އަދި ހަރަދުތަކާއި ގެއްލުންތައް ފިނޭންސް މިނިސްޓަރު ވަޒަން ކުރަން ޖެހެއެވެ. މިއީ ދައުލަތުގެ ބަޖެޓު ބޭނުންކުރުމުގައި ޒިންމާދާރުކަން އިތުރުކުރާނެ މާއްދާއެކެވެ.
ނަމަވެސް، ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން، މި މުހިންމު މާއްދާއަށް ވެސް ކަނޑައެޅިފައިވާ މުއްދަތުގައި ޢަމަލު ކުރާކަށް ނުޖެހޭނެއެވެ. މާނައަކީ، ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ބަޖެޓުކުރުމުގައި ކުރަންޖެހޭ ފީޒިބިލިޓީ ދިރާސާތަކާއި، މަންފާ ވަޒަންކުރުމުގެ މަސައްކަތްތައް ދެ އަހަރަށް ފަސްވެގެން ދިއުމެވެ. މިކަމުގެ ސަބަބުން، ބަޖެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓްތަކުގެ މާލީ އަދި އިޤްތިޞާދީ ބުރަދަން ކަށަވަރުކުރުމުގެ މަސައްކަތް ލަސްވެ، ދައުލަތުގެ ޚަރަދުތައް އިތުރުވުމުގެ ފުރުޞަތު އެބައޮތެވެ.
ފިސްކަލް ޒިންމާގެ ޤާނޫނުގެ މަޤްޞަދު
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަޞްދީޤު ކުރި ފިސްކަލް ޒިންމާގެ ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކަކީ ދައުލަތުގެ މާލީ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ އުޞޫލުތައް ބަޔާންކުރުމެވެ. އަދި ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީ، ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ޙާޞިލު ކުރެވޭ ނަތީޖާތައް މަޖިލީހާ ހިއްސާކޮށް، ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އުޞޫލުތައް ބަޔާންކުރުމަކީ ވެސް މި ޤާނޫނުގެ މުހިންމު މަޤްޞަދެކެވެ. މި ޤާނޫނަކީ ދިވެހިރާއްޖޭގެ މާލީ އިދާރީ ހިންގުން ހަރުދަނާކޮށް، ދަރަނި ކޮންޓްރޯލް ކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

