ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް ”ނެގެޓިވް“ އިން ”ސްޓޭބަލް“ އަށް މަތިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޫޑީޒް ރޭޓިންގސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް ”ނެގެޓިވް“ އިން ”ސްޓޭބަލް“ އަށް މަތިކޮށްފިއެވެ.

މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓާފައިވާއިރު، އައުޓްލުކަށް ގެނައި މި ބަދަލަކީ ފާއިތުވި އަހަރުތަކުގައި ސަރުކާރުން ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުތަކާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާއެއްކަން ފާހަގަކުރެވެއެވެ. މި ބަދަލުގެ ސަބަބުން ބައިނަލްއަޤުވާމީ މާކެޓުގައި ރާއްޖެއަށް އޮތް އިތުބާރު އިތުރުވެ، މާލީ ދާއިރާގެ ހަމަޖެހުން ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

މާލީ ހާލަތު ދަށްވުމުގެ ސަބަބުތައް

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ މާލީ ހާލަތު ދަށްވެ، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ބޮޑު އަގުގައި ދަރަނި ނަގާފައިވާތީއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ރާއްޖޭގެ މާލިއްޔާ އޮތް ކަމަށް އެ އިދާރާތަކުން ފާހަގަކުރިއެވެ.

ހާއްސަކޮށް ބޭރުފައިސާއިން ނަގާފައިހުރި ދަރަނިތައް އަދާކުރުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރަންޖެހުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ދައުލަތުގެ ރަސްމީ ރިޒަރވް ވަރަށް ބޮޑަށް ހީނަރުވެގެން ދިއުމެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މާލީ ކަންކަން ތަރުތީބުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައެވެ.

ކްރެޑިޓް ރޭޓިންގ ރަނގަޅުވުމުގެ މައިގަނޑު ސަބަބުތައް

މޫޑީޒްއިން ރާއްޖޭގެ އައުޓްލުކް ”ސްޓޭބަލް“ އަށް ބަދަލުކުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޮފިސްކަލް ހާލަތު ރަނގަޅުވުން ހިމެނެއެވެ. ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށްފައިވެއެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ. މޫޑީޒްއިން ފާހަގަކުރި ގޮތުގައި، މި ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުން 126 މިލިއަން އެމެރިކާ ޑޮލަރަށް (9 ނޮވެންބަރު 2025 ގެ ނިޔަލަށް) ވަނީ އިތުރުވެފައެވެ. އަދި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތައް ކޮންޓްރޯލްކޮށް، ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް މޫޑީޒްއިން ވަނީ ފާހަގަކޮށްފައެވެ.

އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވިކަން

މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ނުކޮށް ބާރުމިނުގައި އިޤްތިޞާދު ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 10 އިންސައްތައިން އިތުރުވެފައިވެއެވެ.

ހަމަ އެހެންމެ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދުވެސް ވަނީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައެވެ. މިކަމުން ދައްކުވައިދެނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތަކަށް ހީނަރުކަމެއް ނާންނަ ކަމެވެ. މޫޑީޒްގެ މި ނިންމުމަކީ، ރާއްޖޭގެ އިޤްތިޞާދުގެ ވިލުންތެރިކަމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް،  ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރި މަގުސަދާ އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވާފައެވެ.

ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ Caa2 ގެ ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މެޗުއަރވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށްވެސް ވަނީ ރާވާފައެވެ.

ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިންގ ހޯދޭ މިންވަރު ދަށްވެފައިވާކަމަށް މީގެ ކުރިން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުންނާއި ރޭޓިންގ އެޖެންސީތަކުން ފާހަގަކުރަމުން ދިޔަ ނަމަވެސް، ދޭދޭ ޤައުމުތައް މެދުވެރިކޮށް ބޭރުގެ ފައިނޭންސިންގ ހޯދާފައިވާކަމާއި، ބައިލެޓަރަލް ފަރާތްތަކުން ފައިނޭންސިންގ ހޯދުމުގެ ޤާބިލުކަން ދައްކައިދީފައިވާކަމަށް މޫޑީޒްގެ މި ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިއީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށް، ދޭދޭ ޤައުމުތަކާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާކަމުގެ ހެއްކެކެވެ.

ސަރުކާރުގެ އާމްދަނީ އާއި ޚަރަދުގެ ސިޔާސަތުތައް ބައްޓަންކޮށް، ތަންފީޒުކުރަމުން ގެންދާނީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާއެކު މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ހާސިލުވާ ގޮތުގެ މަތިންނެވެ.

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް ”ނެގެޓިވް“ އިން ”ސްޓޭބަލް“ އަށް މަތިކުރުމަކީ، ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މި ބަދަލުން ދައްކުވައިދެނީ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާއެވެ. މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހީނަރުވުމެއްނެތި ކުރިއަށްދާކަން މި ނިންމުމުން އިތުރަށް ހާމަވެގެންދެއެވެ. މި ކުރިއެރުން ދެމެހެއްޓުމަށްޓަކައި، ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ހަރުދަނާކޮށް، ޚަރަދުތައް ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން މުހިންމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: