ގާނޫނު ބައްޓަން ކުރެވިފައިވަނީ ކައުންސިލްތަކުން ސަޕޯޓު ނުދިންނަމަވެސް ސަރުކާރަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ބަހަނާއެއް ދެއްކޭނެ ގޮތަކަށް ނޫން ކަމަށް މާފަންނު ހުޅަނގުދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު މުސްތަފާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލަކީ ރައްޔިތުން ބޭނުންވެގެން ގެނެވުނު ބަދަލެއް ކަމަށެވެ. އަދި އޭރުވެސް އުފައްދާ ސުވާލަކީ އަތޮޅު ކައުންސިލެއްގެ ބޭނުމަކީ ކޮބާތޯ އާއި، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ރަށު ކައުންސިލް އޮވެފައި އަތޮޅު ކައުންސިލެއް އިތުރަށް އޮވެ ކުރަނީ ކޮންމަސައްކަތެއްތޯ މިކަމާއި މެދު ސުވާލުއުފައްދާ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަތޮޅު ކައުންސިލްތައް އުވާލިނަމަވެސް، އެ ކައުންސިލްތައް ހުރި ރަށްރަށަށް ވެސް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ ސަބަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ކަމަށާއި، އެހެންނަމަވެސް މީގެން ވާނެ ފައިދާ އަކީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް އަދި ރަށްރަށުގައި ކުރަންޖެހޭ ކަންކަން ސީދާ ސަރުކާރާއި އެރަށަކާއި ގުޅިގެން ކުރުމުގެ މަގިފަހިވުން ކަމަށް މެމްބަރު ވޮދާޅުވިއެވެ. އެކަމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ލުއި ފަސޭހައެއް ވެގެން ދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މިހާރު މި ފާސްކުރި ގާނޫނުގައި މަޝްރޫއުތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމަދު މުއިއްޒު ރާވައިފައިވާ ކަންކަން ތަރުތީބުކޮށް ނިންމަވާލެއްވުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ހުންނެވި ގޮތް ކަމަށެވެ.
”އެހެންވީމާ މާދަމާ ބާއްވާ އިންތިހާބެއްގެ ސަބަބުން މިސާލަކަށް ކައުންސިލެއް ނުކަށްސަރު ގޮތަކަށް ގޮށްސި ކަމުގައި ވާނަމަ، ސަރުކާރާއި އިދިކޮޅު ކައުންސިލެއް އައި ކަމުގައި ވީނަމަވެސް އަޅުގަނޑުމެންގެ ގާނޫނުން އަޅުގަނޑުމެންނަށް ޖާގަ މިހާރު އޮންނާނީ ހޯދައިދެވިފައި. ހިންގާ މަޝްރޫއުއަކަށް ދަތި ނުވާގޮތަށް ސަރުކާރުން އެލްޖީއޭ މެދުވެރިކޮށް އެކަންކަން ކުރިއަށް ގެންދަން ޖެހޭނީ“
މެމްބަރު ވިދާޅުވީ ކަންކަމުގައި ކައުންސިލުން ވަކިގޮތަކަށް އަމަލުނުކޮށްގެން މަސައްކަތްތައް ކުރިއަށް ނުދާކަން ކުރިން ފާގަކުރެވިފައިވާ ކަމަށެވެ. މެމްބަރު ވިދާޅުވީ މިހާރު އެ ބަހަނާ ސަރުކާރަށް ދެއްކެން ނޯންނާނެ ކަމަށެވެ. އެއީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުއެއް އެލްޖީއޭ މެދުވެރިކޮށް، ކައުންސިލުން އެ ސަޕޯޓް ސަރުކާރަށް ނުދިންނަމަވެސް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ގާނޫނު ބައްޓަން ވެފައި ވުމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

