ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ބަހުސް ދުވާލާއި ރޭގަނޑު ބާއްވާނަން: މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މަޖިލީހަށް ހުށަހަޅައިފައިވާ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމުގެ ޖަލްސާތައް ދުވާލާއި ރޭގަނޑު ބާއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސް ކުރިއަށް ގެންދާނެ ގޮތާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ ބަޖެޓަށް ބަހުސް ކުރުމަށް އާންމު ކޮމިޓީން ކަނޑައެޅި އުސޫލަކީ، ފުރަތަމަ ފުރުސަތުގައި ކޮންމެ މެމްބަރަކަށް 15 މިނެޓު ކަމަށެވެ. އަދި ކޮމިޓީ މަރުހަލާއަށް ފަހު، ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ވަގުތު ބަޖެޓް ބަހުސްގައި ދޭން ކަނޑައަޅާފައިވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް 45 މިނެޓްގެ ފުރުސަތެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ނަޝީދު ވިދާޅުވީ ބަޖެޓުގެ ބަހުސް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށާއި، ބަހުސް ކުރިއަށް ގެންދަން ރޭގަނޑު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ބެޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު އަދި ނައިބު މުގައްރަރަކަށް އަލިފުށި ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ރޭ ހަމަޖައްސައިފަ އެވެ.

ރައީސް ސާލިހުގެ ސަރުކާރުން ހުށަހެޅީ ފުރަތަމަ ބެޖެޓާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވި ގޮތުގައި އަންނަ  އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ބުނެފައިވާ ގޮތުގައި ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ ޚަރަދުގެ 59 ޕަސެންޓެވެ. މީގެ އިތުރުން ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.

2020 ވަނަ އަހަރު ގައުމުގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ބެލެވެނީ 7.5 ޕަސެންޓްގައި ކަމަށް ބަޖެޓުގައި ވަނީ ބުނެފައެވެ. މި އަހަރު ޖީޑީޕީގެ ކުރިއެރުން ހުރީ 5.2 ޕަސެންޓްގަ އެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވި  ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށްވާތީ އެ ދާއިރާގެ ކުރިއެރުން 2.6 ޕަސެންޓްގައި ބެހެއްޓޭނެ އެވެ. އަދި މި އަހަރު ކުޑަ ހުއްޓުމެއް އައި ނަމަވެސް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް 1.1 ޕަސެންޓްގައި ކުރިއަރާނެ  ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު 819 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ބަޖެޓްކޮށްފައި ވެ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން 19 ޕަސެންޓް ނުވަތަ 1.2 ބިލިއަން ޑޮލަރުން ކަރަންޓް އެކައުންޓް ޑެފިސިޓް ވާނެ ކަމަށް ބެލެވޭއިރު، ނޮމިނަލް ޖީޑީޕީ 97.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: