ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ބަޖެޓް ،ބަލަން ތިބެމާ ހިނގާށެވެ!

ފިނޭންސް މިނިސްޓަރ އަމީރު މަޖިލީހަށް ބަޖެޓް ހުސަހެޅުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ބައްޓަންކުރެވިފައިވާނީ “ޖަޒީރާ ރާއްޖެ” މެނިފެސްޓޯގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ސަރުކާރުން ތައްޔާރުކޮށްފައިވާ “ސްޓްރެޓީޖިކް އެކްޝަން ޕްލޭން” ނުވަތަ އެސްއޭޕީގައި ކަ ނޑައަޅާފައިވާ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށް މަގުފަހިވާ ގޮތަށެވެ.

އެގޮތުންަ މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަމުގެ ސިނާއަތް، ވަޒީފާގެ ފުރުސަތު އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށް، އިގުތިސާދުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް އެކި މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެލިއު އެޑްކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ގޭދޮށު މަސް ފެކްޓްރީ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މި ބަޖެޓުގެ ތެރެއިން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަމެއްގެ ގޮތުގައި ބޭއްވުމަށް މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ”ނޫ އިގުތިސާދު“ ސިޔާސަތުގެ ދަށުން އިގުތިސާދީ ހުރިހާ ދާއިރާތަކަށްވެސް ފައިދާ ކުރުވަނިވި މަޝްރޫއުތަކަކާއި ޕްރޮގްރާމްތަކެއް މި ބަޖެޓުގައި ހިމަނައިފައިވާނެއެވެ. މިގޮތުން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވެއެވެ.

ފަަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، ރާއްޖެ އިސްތިހާރުކުރުމަށް 2020 ވަނަ އަހަރު 154.2 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމު ވަށާޖެހޭ ޓެކުހުގެ ނިޒާމަކަށް ވާސިލުވުމަށާއި ދިވެހިންގެ މެދުގައިވާ މުއްސަނދިކަމާއި ލިބޭ އާމްދަނީގެ ފަރަގު ކުޑަކުރުމަށާއި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ދާއިރާތަކަކަށް ރިއާޔަތްކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ތަރައްގީ ގެނެސް އިގުތިސާދު ސިންދަފާތުކޮށް އިގުތިސާދު ފުޅާކުރުމަށް  4،304.7 މިލިއަން ރުފިޔާގެ މަޝްރޫއުތައް ބަޖެޓުގައި ވާނީ ހިމަނައިފައިވެއެވެ.

ތަރައްގީއާ ހަމައަށް ވާސިލުވުމަށް ”އޯގާތެރި ސަރުކާރު“ ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދީފައިވަނީ އަސާސީ ޚިދުމަތްތައް ފުދުންތެރި މިންގަ ނޑެއްގެ ތެރެއިން، ހުރިހާ ފަރުދުންނަށްވެސް ހަމަހަމަކަންމަތީ ފޯރުކޮށްދެވޭކަން ކަށަވަރުކުރުމެވެ. އަދި ފަރުދުންގެ މެދުގައި އާމްދަނީއާއި މިލްކިއްޔާތުގެ ފަރަގު އިތުރުވަމުންދިއުން ކުޑަކުރުވޭނެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ވާނީ އެކުލަވާލެވިފައެވެ.

މިގޮތުން 2020 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ ތަރައްގީއަށް އިސްކަންދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ގާއިމުކޮށް ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ. އަދި ސިއްހީ ޚިދުމަތުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތް ދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، މި ދާއިރާގެ ފަންނީ މީހުން ތަމްރީނުކުރުމަށް 27.7 މިލިއަން ރުފިޔާ ވާނީ ބަޖެޓުކުރެވިފައެވެ. އަދި ވަށާޖެހޭ ތައުލީމީ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގެ މަސައްކަތަށް ހިނގާނެ ޚަރަދުތައް ބަޖެޓުގައި ހިމެނިފައިވާނެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ ފަރާތްތަކަށާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އަސާސީ ބޭނުންތައް ފުއްދުމުގެ ތަނަވަސްކަން ނެތް ފަރުދުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައް ހިމަނައިގެން ޖުމުލަ ގޮތެއްގައި ”އޯގާތެރި ސަރުކާރު“ ސިޔާސަތުގެ ދަށުން 12،282.7 މިލިއަން ރުފިޔާގެ ހޭދަކުރުމަށް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ދިވެހި ކޮންމެ ފަރުދަކީ ފަޚުރުވެރި އާއިލާއަކަށް ނިސްބަތްވާ، ގަދަރުވެރި ދިރިއުޅުމެއް އުޅޭނެ ފަރުދެއްކަމުގައި ހެދުމަށް މިހާރު ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ލިބި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ޕްރޮގްރާމްތައް ތައާރަފްކުރުމަށް މި ބަޖެޓުގައިވާނީ އިސްކަންދީފައެވެ. މިގޮތުން 10،000 ހައުސިންގ ޔުނިޓުގެ މަސައްކަތް 2020 ވަނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 2020 ގައި ފަށަން ގަސްތުކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ގޮތުގައި 600،0 މިލިއަން ރުފިޔާ އަދި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިސާ އަދި ހައުސިންގ ފައިނޭންސް ކުޑަ ރޭޓެއްގައި ފޯރުކޮށްދެވޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތްކުރުމަށް ވާނީ ބަޖެޓުކުރެވިފައެވެ.

މީގެ އިތުރުން ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކޮށް، ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު އިތުރުކޮށް، ކުޅިވަރުގެ މައިދާނަށް ނިކުމެ ހަރަކާތްތެރިވުމަށް މަގުފަހުކުރުމުގެ ގޮތުން ސްޕޯޓްސް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށްވެސްަ ބަޖެޓުގައި ވާނީ ހިމަނައިފައެވެ. މިގޮތުން ”ފަޚުރުވެރި އާއިލާ“ ސިޔާސަތުގެ ދަށުން ޖުމުލަ 3،629.7 މިލިއިން ރުފިޔާގެ އިންވެސްޓްމަންޓްސް ބަޖެޓުގައި ހިމަނައިފައިވާނެއެވެ.

ދިވެހިންނަށް ގުދުރަތީގޮތުން ލިބިފައިވާ މުއްސަނދި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި ދެމެހެއްޓެނިވި، ފުދުންތެރި އަދި ޖަޒީރާވަންތަ ތަރައްގީގެ މަންޒިލްއާ ހަމައަށް ވާސިލުވުމަށް މި ސަރުކާރުން އެކުލަވާލައިފައިވާ ޖަޒީރާ ދިރިއުޅުމުގެ ސިޔާސަތުތައް ތަންފީޒުކުރަން ޖުމުލަ 5.936.9 މިލިއަން ރުފިޔާ ވަނީ ބަޖެޓުކުރެވިފައެވެ. މިގޮތުން މަރުކަޒީ ސަރުކާރު ބަހާލައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުވައި، ރާއްޖޭގެ އެންމެހައި ކަންކޮޅުތަކުގައި އަސާސީ އަދި އުމްރާނީ ވަސީލަތްތައް ގާއިމުކޮށް، ކައުންސިލްތަކުގެ ބަޖެޓު ތަންފީޒުކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެންދާނެއެވެ. މި ބަދަލާ ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ މަސައްކަތް އަދި މިނިސްޓްރީތަކުގެ ދަށުން ހިނގާ މަޝްރޫއުތައް ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކަށް ބަހައިލެވިގެންދާނެއެވެ.

މީގެ އިތުރުން އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އާބާދީތައް ގުޅާލުމަށް ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 150.0 މިލިއަން ރުފިޔާ ހިމަނައިފައިވާނެއެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫއުތަކަށް ޖުމުލަ 257.8 މިލިއަން ރުފިޔާ ވާނީ ބަޖެޓުކުރެވިފައެވެ. އަދި ސާފު ރައްކާތެރި ބޯފެނާއި ނަރުދަމާ ނިޒާމު ތަރައްގީކޮށް މޫސުމީ ބަދަލުތަކަށް އެދެވޭ ފިޔަވަޅުއަޅައި ރައްކާތެރިކަން ގާއިމުކުރުމުގެ މަޝްރޫއުތައްވެސް ވާނީ 2020 ބަޖެޓުގައި ހިމަނައިފައެވެ. މީގެ އިތުރުން ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖްކުރުމާ ގުޅޭ 15 މަޝްރޫއަކަށް ޖުމުލަ 212.0 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެއެވެ.

2020 ވަނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިންވެސްޓްމަންޓެއް ހިމަނައިފައިވާނީ ”ހެޔޮ ވެރިކަމެއް“ ގާއިމުކުރުމަށެވެ. މިގޮތުން ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް އެހީތެރިވެދިނުމަށް ގައުމީ ދިފާއީ ބާރުތަކަށް 1،493.8 މިލިއަން ރުފިޔާ ވާނީ ބަޖެޓު ކުރެވިފައެވެ. އަދި ޝަރުއީ ދާއިރާގެ މީހުން ބިނާކުރުމާއި އިދާރީ ވަސީލަތްތައް ހަރުދަނާކުރުމަށާއި، ޑީ-ރެޑިކަލައިޒޭޝަން އެންޑް ރީހެބިލިޓޭޝަން ސެންޓަރެއް ކ.ހިންމަފުށީގައި ގާއިމުކޮށް، ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ޤާއިމް ކުރުމަށް ވާނީ ބަޖެޓުކުރެވިފައެވެ.

ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އަދި ނެޝަނަލް އިންޓެގްރިޓީ ޕްލޭން އިފްތިތާހުކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާނެއެވެ. ޚާރިޖީ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށް ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ވާނީ ބަޖެޓުކުރެވިފައެވެ. މީގެ އިތުރުން ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރޮކޮށްދިނުމަށްވެސް މި ބަޖެޓުގައި އިސްކަމެއްދީފައިވާނެއެވެ. މިގޮތުން ޖުމުލަ 11،350.5 މިލިއަން ރުފިޔާ ”ހެޔޮވެރިކަން“ ސިޔާސަތުގެ ދަށުން ހިންގާ ހަރަކާތްތަކާއި މަޝްރޫއުތަކަށް ބަޖެޓު ކުރެވިފައިވެއެވެ. 

ކޮންމެއަކަސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ފުރަތަމަ ބެޖެޓް ވެގެން ގޮސްފައި މިވަނީ ރާއްޖޭގައި ތާރީހުގައި ވެސް މިހާތަނަށް ހުސަހެޅީ އެންމެ ބޮޑު ބަޖެޓުގެ ގޮތުގައެވެ. ބަޖެޓް ވަަރށް ވެސް ފުރިހަމައެވެ. އެހާމެ އުންމީދީ ބަޖެޓެކެވެ. ދެން އޮތީ ތަންފީޒް ކުރުމެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: