ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ އެސްޖީއަށް ބިރު ދައްކައި އިންޒާރެއް ނުދެން: އުއްތަމަ ފަނޑިޔާރު

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްތްރީ ޖެނެރަލް ޑރ ހުސެއިން ފާއިޒްއަށް ބިރު ދައްކައި އިންޒާރު ދެއްވައި ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑޜ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. 

ސުޕްރީމް ކޯޓުގެ ސެކްޓްރީ ޖެނެރަލް ޑރ ހުސެއިން ފާއިޒްއަށް އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ބިރު ދައްކައި އިންޒާރު ދެއްވި ކަމަށް ބުނާ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލެުމަށް ނިންމާފައި ވާތީ އެކަމާއި ގުޅީގެން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ސެކްޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ ހުސެއިން ފާއިޒް އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް ހުރަސް އަޅަމުންދާ ކަމަށެވެ. 

އެގޮތުން އުއްތަމަ ފަނޑިޔާރުގެ ހުއްދައެއް ނެތި ޑރ ހުސެއިން ސުޕްރީމް ކޯޓުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އޭނާ ކަމަށް ބުނި ކަމަށާއި އަދި އުއްތަމަ ފަނޑިޔާރު އަންގަވާ އެއްވެސް އެންގެވުމަކަށް އޭނާ ތަބާވާން ނުޖެހޭނެ ކަމަށް ވެސް ބުނި ކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ސެކްޓްރީ ޖެނެރަލްގެ އަމލުތައް މިހާރު ހުރި ގޮތުން ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދި މުވައްޒަފުންގެ މެދުގައި ބައިބައިވުން އުފެދިފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ސެކްޓްރީ ޖެނެރަލް އުއްތަމަ ފަނޑިޔާރުގެ އެންގެވުންތަކަށް ތަބާ ނުވާނެކަން މުވައްޒަފުންނަށް އަންގާފައިވާ ކަމަށާއި އަދި އޭނާ އުއްތަމަ ފަނޑިޔާރަށް ޖަވާބްދާރީ ވުމުގެ ބަދަލުގައި ޖަވާބްދާރީވާން ޖެހޭނީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރއަށް ކަމަށް ބުނެފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ. 

“”ތިމަންނަ ރިޕޯޓް ކުރާން ޖެހޭ ފަރާތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރޭ ވިދާޅުވެ ދުސްތޫރީ އަދި ގާނޫނީ މއްދާތަކުގެ ބާރު ކެނޑޭ ގޮތަށް އަމަލު ކުރައްވައިފި، މި އަމަލުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދި ކޯޓުގެ އެތެރޭގެ ހަމަޖެހުމާއި މަސްލަހަތު ދަނީ ގެއްލެމުން، އަދި އަޅުގަނޑާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ވަނީ ހުރަސް އެޅިފައި،” އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެގޮތަށް ޑރ. ފާއިޒް އަމަލު ކުރެއްވުމުން އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އޭނާއަށް ނަސޭހަތް ދެއްވި ކަމަށާއި އަދި އެއީ ކޮށްގެން ހުރި ހުވާގެ މަތިން ލާޒިމް ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ އަމަލުތައް ދެން އިތުރަށް ތަކުރާރު ނުކުރުމަށް އެންގެވި ކަމަށާއި ޑރ. ފާއިޒްގެ މައްޗަށް އެހެން މުވައްޒަފުންނަށް ވެސް އޮންނަ އުސޫލުގެ ތެރެއިން ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމަށް ހުރަސް ނޯންނާނެކަން ދަންނަވާފައިވާނެ ކަމަށެވެ.

އެމަނިކުފާން ވިދާޅުވީ އެފަދަ އެންގުމެއް އެންގުމަކީ  އޭނާއަށް އިންޒާރު ދިނުން ކަމުގައި ބެލޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމާއި އަދި އެއީ ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއް ވެސް ނޯންނާނެ ކަމަށާއި  ނަމަވެސް އެއީ  ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުން ކަމަށް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. 

އުއްތަމަ ފަނޑިޔާރުގެ ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާ އިސްލާހެއް ކަމަށްވާތީ އެ އިސްލާހަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އެ އިސްލާހު ތަންފީޒު ކުރަން ސުޕްރީމް ކޯޓުން އެއްބާރުލުން ވެސް ދޭނެ ކަމަށެވެ.

ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން ދިޔަ ޑީޖޭއޭ މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހެއް ދަށުން ވަނީ ޖޭއެސްސީގެ ދަށަށް ގެންގޮސްފަ އެވެ. މިހާރު ޑީޖޭއޭ ހިންގަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ. ޑީޖޭއޭއަކީ ކޯޓުތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަށް އެހީތެރިވެދޭ އިދާރާއެކެވެ.

އެ އިސްލާހުން ވެސް އެނގޭ ގޮތުގައި ޑީޖޭއޭއާ ހަވާލުކޮށްފައިވަނީ އަދުލްއިންސާފު ގާއިމް ކުރުމުގެ އާންމު އިދާރީ ކަންކަން ބެލެހެއްޓުން ކަމަށާއި ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަން އާ އިސްލާހުން ވެސް ޑީޖޭއޭއާ ހަވާލުކޮށްފައިނުވާކަން އުއްތަމަ ފަނޑިޔާރު މިއަދުގެ ބަޔާނުގައި ވެސް ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން ހިންގާނީ އުއްތަމަ ފަނޑިޔާރުކަން ކަމާއި ހައިކޯޓާއި ސްޕީރިއާ ކޯޓުތަކުގެ އިދާރީ ހިންގުން އޮންނަން ވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުގެ ބެލުމުގެ ދަށުންކަން ގާނޫނުން ސާފުވާ ކަމަށާއި އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި އެ ދައުރު އޮތީ އިސް މެޖިސްޓްރޭޓަށްކަން ވެސް އެނގޭ ކަމަށެވެ.

ބަޔާން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުތަކަކީ ވަކި ބައެއްގެ މައްޗަށް ހިންގައިފައި ވަކި މީހެއްގެ މަސްލަހަތާއި ފައިދާއަށްޓަކައި އެއް ފަރާތް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެހެން ކަމުން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ކޮންމެ މުވައްޒަފަކު ވެސް ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް އުއްތަމަ ފަނޑިޔާރު ގޮވާލެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: