ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު 1 ޑިސެމްބަރުގައި ހުޅުވާލަން ނިންމައިފިއެވެ.
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ، އަދި އިންތިހާބުގެ ކަންކަމާއި ގުޅޭ މެނޭޖަރ އިބްރާހިމް ފަލާހު ވިދާޅުވީ ގާތްގަނޑަކަށް 69،000 މެމްބަރުން ޕާޓީގައި ތިބި ކަމަށެވެ. ޑިސެމްބަރު 1 ގައި ޕްރައިމަރީ ފަށާއިރު އިންތިހާބުގައި ވާދަކުރާނެ ފަރާތްތައް ބައިވެރިވާނެ ފޯމުތައް ލިބެން ހުންނާނެ ކަމަށެވެ. އެކަމާއި ގުލެ ހުރިހާ މައުލޫމާތެއްވެސް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ވަނީ ބުނެފައެވެ. ޕާޓީން އިއުލާނު ކުރަނީ 1 ޑިސެމްބަރުން 15 ޑިސެމްބަރުގެ ނިޔަލަށް ކަމަށް ގަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މިވަގުތު ޕާޓީގައި ހިމެނިވަޑައިނުގަންނަވާ މެމްބަރަކަށްވެސް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް އެފަރާތަކުން އިލެކްޝަންސް ކޮމިޝަނަށް ޕާޓީގައި ބައިވެރިވުމަށް ފޯމު ހޫށައަޅަން ޖެހޭނެ ކަމަށެވެ. ފަލާހު ވިދާޅުވީ މި އިންތިހާބު ވެގެންދާނީ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕްރައިމަރީއަށް ކަމަށެވެ. ވަރަށް ގިނަ އަދަދެއްގެ މެމްބަރުން މިހާރުވެސް މިކަމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ 27 ޑިސެމްބަރު، ހޮނިހިރު ދުވަހު. އެދުވަހު ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ދާނެ. އަޅުގަނޑުމެން ޕްރައިމަރީގައި ވޯޓުލުން މިފަހަރު މި ޕާޓީގެ ފަރާތުން ނިންމާފައި މިވަނީ އެބޭފުޅަކު ނިސްބަތްވާ ރަށެއްގައި ބެހެއްޓިފައި ހުންނަ ވޯޓުފޮއްޓަށް ވޯޓުލެވޭނީ. އޭގެ މާނަޔަކީ ރ އަތޮޅުގައި، މިސާލަކަށް އުނގޫފާރުގައި ރަޖިސްޓަރީ އޮންނަ އުގޫފާރު ފޮއްޓަށް ރަޖިއްޓަރީ ކޮށްފައި އޮންނަ ވޯޓު މާލޭގައި އަޅުގަނޑުމެންގެ އެއްވެސް ވޯޓު ފޮއްޓެއް ވޯޓުލާކަށް މިފހަރު ނުބެހެއްޓޭނެ. ހުރިހާ ވޯޓުފޮއްްޓަކަށްވެސް ރަޖިސްޓަރީ ވެވޭނީ އެބޭފުޅަކު އެރަޖިސްޓްރީ ވެފައި އޮންނަ ރަށެއްގައި ބެހެއްޓިފައި ހުންނަ އެރަށަކަށް
ފަލާޙު ވިދާޅުވީ ރަޖިސްޓްރީ ވެފައި އޮންނަ ރަށެއްގައި ބެހެއްޓިފައި ހުންނަ ފޮއްޓަށް ހަމައެކަނި ވޯޓު ލެވޭގޮތަށް ހެދީ އެއީ އެ އިންތިހާބުގެ ސައްހަކަން ކަށަވަރުކުރުމަށާއި އިދާރީ ކަންކަން ވީހާވެސް ފުރިހަމައަށް އިންތިޒާމުތައް ކުރިއަށް ގެންދިއުމަށްޓަކާ ކަމަށެވެ.
ފަލާހް ވިދާޅުވީ ޕްރައިމަރީގައި ވާދަނުކޮށް އެއްވެސް މީހަކަށް ޓިކެޓް ނުދޭނެ ކަމަށެވެ. ޕްރައިމަރީގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ވަރަށް އިންސާފުވެރިކޮށް އަދި ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

