ޕީއެސްއެމްއާއި، ރާއްޖޭގެ ގިނަ އަދަދެއްގެ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދާ ”ސިލޯނާއި އެކު ދިވެހިން“ ތެލެތޯންއަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން 300،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
އަވައްޓެރި ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރިޔަށް ގެންދާ މި ތެލެތޯން މިރޭ ދަންވަރު 1:00 އާއި ހަމައަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ތެލެތޯންގައި މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް 15 ސަރަހައްދެއްގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފަ އެވެ.
ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރިޔަށް ގެންދާ މި ތެލެތޯންއަށް މީޑިއާތައް ބައިވެރިވެގެން، ހާއްސަ ޓީވީ ކަވަރޭޖެއް ވެސް ދަނީ ކުރިޔަށެވެ. މި ތެލެތޯންގައި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުން ވެސް ބައިވެރިވެފައި ވެއެވެ.
ޕީއެންސީގެ ފަރާތުން ހަދިޔާ ކުރި ފައިސާއާއި ހަވާލުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން ރަޝީދެވެ.
ފައިސާގެ ޗެކް ހަވާލު ކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ލަންކާއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮތް ގައުމެއް ކަމަށެވެ. އަދި ދިވެހިން އެންމެ ގިނައިން ދަތުރު ކުރާ އެއް ގައުމުކަން ވެސް ފާހަގަކުރެއްވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިކަމަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން، ހުރިހާ ފަރާތްތަކުންވެސް ވެވުނު މިންވަރަކުން އެހީތެރިކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގައި ވިޔަފާރިތަކާއި، ޖަމިއްޔާތަކާއި، އަމިއްލަ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދެއްވުން މުހިންމު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި އެހީއަކީ، މަޖިލީހުގެ ޕީޖީ ގްރޫޕުން، ކޮންމެ ދާއިރާއެއްގެ ރައްޔިތުންނާއި ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ފޯރުކޮށްދޭ އެހީއެއްކަމަށެވެ. އަދި ވިދާޅުވީ، މި އެހީތެރިކަން ލަންކާއަށް ހަވާލުކުރުމަކީ ކޮންމެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންނާއި، ޖުމްލަކޮށް މުޅި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ތަމްސީލުކޮށްދޭ ރަމްޒެއް ކަމަށެވެ.
ލަންކާގެ މިހާރުގެ އުނދަގޫ ހާލަތުން އަރައިގަނެ، އަވަސް މުއްދަތެއްގެ ތެރޭގައި އެ ޤައުމު އަލުން އާރާސްތުވުމަށް އުންމީދުކުރައްވާކަމަށް ވެސް ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ. މިކަމުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ބަދަހިކަމާއި، އަވައްޓެރި ގައުމުތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ތައްޔާރަށް ތިބޭނެކަމުގެ މެސެޖުކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
ފައިސާ ހަދިޔާކުރެއްވުމަށް
އެކައުންޓުގެ ނަން: Ceylon Aaeku Dhiveheen
MVR – 7730000796107
USD – 7730000796106

