ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ޤައުމަށް އެހީވުމަށް ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން 25،000 ޑޮލަރު ހަދިޔާކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި ފައިސާ ޓެލެތޯނަށް ހަވާލުކޮށްދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފެވެ. އަދި ފައިސާއާއި ހަވާލުވެވަޑައިގެންނެވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޔާމީން ރަޝީދެވެ.
އެހީ ހަވާލުކުރެއްވުމަށްފަހު ޝަރީފް ވިދާޅުވީ، ލަންކާއަކީ ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ގާއިމުކުރެވިފައިވާ ގައުމެއް ކަމަށެވެ. އެގޮތުން، ބީއެމްއެލް މެދުވެރިކޮށް ވެސް ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރެވޭކަމަށް ފާހަގަކުރެއްވިއެވެ. އަދި ލަންކާގެ ގިނަ ބައެއްގެ އެކައުންޓުތައް ބީއެމްއެލްގައި ހުޅުވާފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަކީ ޕީއެސްއެމުން އިސް ނަގައިގެން، ރާއްޖޭގެ ގިނަ އަދަދެއްގެ މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ތެލެތޯން މިރޭ ދަންވަރު 1:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.
ޓެލެތޯން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގެ އެކައުންޓް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ޓީވީ ބިލްޑިންއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތަކަށް ވެސް ވަނީ ބަހައްޓާފަ އެވެ.
ޓެލެތޯނަށް ލިބޭ ފައިސާގެ އެހީގެ ކަންކަން ބެލެހެއްޓުމަށް މިނިވަން އޮޑިޓްފާމެއްކަމަށްވާ ”ކްރޯ މޯލްޑިވްސް“ އާއެކު އެއްބަސްވުމެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ފައިސާ ހަދިޔާކުރެއްވުމަށް
އެކައުންޓުގެ ނަން: Ceylon Aaeku Dhiveheen
MVR – 7730000796107
USD – 7730000796106

