ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރިޔަށް ގެންދާ ”ސިލޯނާއި އެކު ދިވެހިން“ މީޑިއާ ތެލެތޯންއަށް ހައިސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްލަކަ ރުފިޔާގެ އެހީ ފޯރުކޮށްދީފި އެވެ.
މިރޭ ދަންވަރު 01:00 އާއި ހަމައަށް ކުރިޔަށް ގެންދާ މި ތެލެތޯންއަށް ހާއްސަކޮށް ކުރިޔަށް ގެންދާ ކަވަރޭޖުގައި އެޗްޑީސީން ވަނީ ލަންކާއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެޗްޑީސީގެ ފަރާތުން މި ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ޒުހެއިރުގެ އިތުރުން، ކުންފުނީގެ މުވައްޒަފުން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފަ އެވެ.
ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ގިނަ އަދަދެއްގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ދަނީ ބައިވެރިވެ އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ޓެލެތޯންގައި މިހާތަނަށް ދެ މިލިޔަންއެއްހާ ރުފިޔާ އަދި 37،000 އަށްވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ވަނީ ލިބިފައެވެ.
ޓެލެތޯނަށް ބޭނުން ކުރާ އެކައުންޓް ނެމްބަރުތައް:
- ރުފިޔާ އެކައުންޓް ނަމްބަރު: 7730000796107
- ޑޮލަރު އެކައުންޓު ނަމްބަރު: 7730000796106

