ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮނޑުދޮށަށް އަންނަ ބަދަލުތައް ސެޓެލައިޓް އިމޭޖަރީން ދެނެގަތުމަށް މަސައްކަތް ދަނީ ކުރަމުން: ތޯރިގް

ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ފަންނީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެ މަސައްކަތުގެ ތެރެއިން، ރަށްތަކުގެ ގޮނޑުދޮށަށް އަންނަ ބަދަލުތައް ސެޓެލައިޓް އިމޭޖަރީން ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާ އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައްޗަށް ޓޫރިޒަމް ތޯރިގް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ވިދާޅުވީ ރަށް ގިރުމާއި ކުނި މެނޭޖްކުރުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ދެ ގޮންޖެހުން ކަމަށާއި، މި ދެ ކަމަށްވެސް ދެމެހެއްޓެނެވި ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރ ތޯރިގް ފާހަގަކުރެއްވި ގޮތުގައި، ރަށް ގިރުމަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައެކެވެ. ގުދުރަތީ ގޮތުން ރަށްތައް އުފެދިފައިވާ ގޮތާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މި މައްސަލަ އިތުރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުންކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުން، ރާއްޖޭގެ ރަށްތަކުގެ މުހިއްމު ގިނަ ހިދުމަތްތައް ނުވަތަ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ހުންނަނީ ގޮނޑުދޮށާއި ޖެހިގެން 100 މީޓަރު ދުރުމިނުގައި ކަމަށާއި، މިއީ ރަށްތައް އުފެދިފައިވާ ގޮތާއި ރަށްތައް ކުދިވުމާ ގުޅިގެން ދިމާވެފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން، ރަށް ގިރުމަކީ އޭގެ ސަބަބުން މެދުވެރިވާ ތިމާވެށީގެ ގެއްލުމުގެ އިތުރުން، އާއްމު ދިރިއުޅުމަށްވެސް ހުރި ނުރައްކަލެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި މައްސަލައަށް ދެމެހެއްޓެނެވި ހައްލެއް ހޯދުމަކީ ނުހަނު އުނދަގޫ އަދި ހަރަދު ބޮޑު ކަމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މި ގޮންޖެހުންތަކާ އެކުވެސް ސަރުކާރުން ދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންކަމަށް ފާހަގަކުރައްވައި ތޯރިގް ވިދާޅުވީ ދެކުނުގެ ހަތަރު ރަށެއް ކަމަށްވާ ލ. އިސްދޫ، ފޮނަދޫ، ގަން އަދި އައްޑޫ މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށެވެ. މި ރަށްތަކަކީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށްތަކަށްވާއިރު މިނިސްޓަރ ވިދާޅުވީ، މި ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، މި ފިޔަވަޅުތަކުގެ ބޭސިކް ޑިޒައިންތަކުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ފަންނީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެ މަސައްކަތުގެ ތެރެއިން، ރަށްތަކުގެ ގޮނޑުދޮށަށް އަންނަ ބަދަލުތައް ސެޓެލައިޓް އިމޭޖަރީން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށަށް އަންނަ ބަދަލުތައް މޮނިޓަރކޮށް ދެމެހެއްޓެނެވި ގޮތެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެށީގެ ދެވަނަ ގޮންޖެހުންކަމަށްވާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައި، އެ ރަށަކާއި އެކަށޭނެ ކުނި މެނޭޖްކުރުމުގެ ނިޒާމާއި ވަސީލަތްތައް ގާއިމުކުރުމަށް ކަނޑައަޅުއްވާފައެވެ. މި މަސައްކަތުން ތިމާވެށި ހިމާޔަތްކުރުމަށް އެހީތެރިވެދޭނެ ކަމަށާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށްވެސް މަގުފަހިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ސަރުކާރުން ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން 12 ރަށެއްގައި ކުންޏާއި ވަސީލަތް މެނޭޖުކުރާ އައު މަރުކަޒު ގާއިމުކޮށްދެވިފައިވާއިރު، 6 ރަށެއްގެ މަރުކަޒު އަޕްގްރޭޑްކޮށްދެވިފައިވާކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އިތުރު 118 ރަށެއްގައި މި މަސައްކަތްތައް އެކި މަރުހަލާތަކުގައި މިހާރުވެސް ކުރިއަށް ގެންދެވޭކަމަށް ވިދާޅުވިއެވެ. އަދި 19 ރަށެއްގެ ކުނި ކޮށި ގާއިމުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރެވި މޮބިލައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ކުނި އުފުލަން ބޭނުންކުރާ ޕިކަޕް 99 ރަށަކަށް ފޯރުކޮށްދެވިފައިވާއިރު، 82 ރަށަށް ބޭނުންވާ އިކްއިޕްމަންޓް ވަނީ ފޯރުކޮށްދެވި، އިތުރު 20 ރަށަށް ބޭނުންވާ ވެހިކަލާއި އިކްއިޕްމަންޓް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ކޮންޓްރެކްޓް ވަނީ އެވޯޑްކޮށްފައިކަމަށް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: