ބަހުގެ އުފެއްދުންތަކުގެ ދިވެހިވަންތަކަށް ކަށަވަރުކުރާނެ ގޮތްތައް އެންގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި އަދި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ފާހަގަކުރެއްވީ ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ދިވެހި ބަހުގެ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތްކުރާއިރު، އެކަމަށްޓަކައި މީހުންގެ މެދުގައި އޮތް ޝައުގާއި ފުރުސަތާއި މެދު ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމަށާއި، އެއީ ވަރަށް ހަރަދު ބޮޑު އަދި ފަންނު ބޭނުންވާ ކަންތައްތަކެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހީންގެ އުފެއްދުންތަކާ މެދު ވިސްނުންފުޅު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އުފެއްދުންތައް އެކި ގޮތްގޮތަށް، އެކި ދިމާލުން އަންނައިރު، އެ އުފެދޭ އުފެއްދުމުގައި އެންމެ ބޭނުންވާ ގޮތަށް ކަންކަން ހިމެނޭތޯ ބަލާލަންޖެހޭ ކަމަށެވެ. އެހެންކަމުން، އޭގެ ބަދަލުގައި، އިލްމީ ގޮތުން ކަންކަން ބަލާ ކަށަވަރުކޮށް، ދިވެހި އުފެއްދުންތަކުގެ ނަމޫނާތަކެއް ދެއްކުމަށްފަހު، ދިވެވެހި ބަހުގެ އުފެއްދުންތަކަށް ހުޅުވާލުން މުހިއްމު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ތަރިކައިގެ ދާއިރާތަކުގެ ޔުނިފޯމް ފްރޭމްވޯކްސްތަކެއް އުފައްދާނެ ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، އެ މަސައްކަތް ދިވެހި ބަހުގެ ވުޒާރާއިން ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ޔުނިފޯމް ފްރޭމްވޯކްސްތައް އުފެއްދުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ތަމްރީނުތަކަށް ބޭނުންވާ ކަންތައްތައް ނިންމާ އަދި ދާދިފަހުން ވުޒާރާއިން ނެގި މާސްޓާސް ލެވެލްގެ 40 ފަރާތުގެ ދިރާސާ ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޔުނިފޯމް ފްރޭމްވޯކްސްތައް ވުޖޫދުކުރެވުމުން، ކޮންމެ އެއްޗެއް، އޭގެ ޒާތުގައި، އެ އެއްޗެއް ދިވެހި އެއްޗަކަށް ވަނީ ކިހިނެއް ކަމާއި އަދި އެއްޗެއްގެ ދިވެހިވަންތަކަން ކަށަވަރުކުރަނީ، ކޮން ގޮތަކަށް ކަން އެނގުން މުހިއްމު ކަމަށެވެ. ”އެހެންނޫންނަމަ، ދިވެހި އެއްޗެތީގެ އަސްލުތަކަށް ދެރަގޮތްތައް ވާނެ ކަމަށާއި، މިހާރުވެސް އެފަދަ ކަންތައްތައް ފެންނަން އެބަހުރި،“ ވަޒީރު ވިދާޅުވިއެވެ. މިފަދަ ފްރޭމްވޯކްތަކެއް އޮތުމަކީ ދިވެހި ބަހާއި ސަގާފަތުގެ އަސްލު ރައްކާތެރިކުރުމަށްޓަކައި އަޅާ މުހިއްމު ފިޔަވަޅެކެވެ.

