ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި ނެޓްވޯކެއްގެ އިސް ފަރާތްތައް ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ޚާއްސަ އޮޕަރޭޝަނެއް ކަމަށްވާ ”އޮޕަރޭޝަން އަލިމަގު“ގެ ދަށުންނެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަން ފަށާފައިވަނީ 2025 އޮގަސްޓު 13 ވަނަ ދުވަހުގެ ހެނދުނު 5:30 ގައެވެ. މި ހާއްސަ އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެފައިވާއިރު، ސްޕެޝަލައިޒް ޑިޕާޓްމެންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100އަށް ވުރެ ގިނަ ތަންތަން އެއްވަގުތެއްގައި ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
ފުލުހުން ބުނިގޮތުގައި، މިއީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތްތަކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން އެއްކޮށް ނައްތާލުމެވެ. އަދި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން މި އޮޕަރޭޝަން ކުރިއަށްދާކަމަށް ފުލުހުން ފާހަގަކުރިއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، ޑިސެމްބަރު 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި ނެޓްވޯރކެއްގެ އިސްފަރާތްތައް ވަނީ ހައްޔަރުކޮށފައެވެ. ނަމަވެސް، ހައްޔަރުކުރި ފަރާތްތަކުގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް މިއަހަރުގެ މާޗް މަހުން ފެށިގެން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މި ނެޓްވޯރކްގެ ހަރަކާތްތައް ހިންގަމުންދާކަން ފުލުހުންނަށް ހޯދިފައިވަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އަދި ފާއިތުވި 5 އަހަރުގެ ތެރޭގައި، މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގައި ބައިވެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރާ މަސައްކަތުގެ މުހިއްމު ބައެކެވެ.
ފުލުހުން ބުނެފައިވަނީ ”އޮޕަރޭޝަން އަލިމަގު“ އަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވާތީ، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށެވެ.

