މަސްތުވާތަކެތި ވިއްކާ އެ ބޭނުންކުރާ މީހުންނަށް ދެން އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބޮޑުންގެ ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމަށް ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާރގެޓް ކުރެވިގެންދާނެކަމަށެވެ.
ވަޒީރު ވަނީ ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވެފައެވެ. ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރުކޮށް އެ ވިއްކާ މީހުންނަށް ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅުކަމަށެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގުގައި މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯރކެއްގެ އިސްފަރާތްތައް ފުލުހުން ހައްޔަރުކޮށްފައިވާކަމަށް ވަނީ މައުލޫމާތު ދީފައެވެ. މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރުގެ މާރޗް މަހުގެ ތެރޭގައިކަމަށް ފުލުހުން ބުންނެވެ.
މި ނެޓްވޯރކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ވަނީ ހޯދިފައެވެ. އަދި ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފުލުހުން ހާމަކުރި މައުލޫމާތުގައިވެއެވެ.
މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މަސްތުވާތެކެތީގެ ކުށް ސާބިތުވާ މީހުންގެ މަރުވަންދެން ޖަލުގައި ބާއްވަން ޖެހޭނެ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ނަންބަރު 17/2011 އަށް ގެނެވުނު އިސްލާޙުގެ އެންމެ ބޮޑު ބަދަލަކީ، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބާރު ލިބިގެން ދިއުމެވެ. މި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގިނަ މެންބަރުންގެ ވޯޓާއެކުއެވެ. މި އިސްލާޙުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އެ އަދަބު ކަނޑައަޅަން އިއްތިފާގުވުމުންނެވެ.
ހަމައެހެންމެ ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި، އެ މީހަކަށް އުމުރަށް ޖަލަށްލުމުގެ އަދަބު ދޭން ޖެހެއެވެ. މީގެ އިތުރުން 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރުވެސް ކޯޓަށް ލިބިގެންވެއެވެ. މީގެ އެންމެ މުހިންމު އެއް ނުކުތާއަކީ، މި ޤާނޫނުގެ ދަށުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެއްޖެ ނަމަ، އެ މީހަކަށް ޕެރޯލްގެ ދަށުން ދޫނުކުރެވޭނެކަމާއި، އަދި އަދަބު ލުއިކޮށް މައާފު ވެސް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ދެވޭ ވަރަށް ހަރުކަށި މެސެޖެކެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ކަނޑައެޅޭނެ ވަކި މިންގަނޑުތަކެއް މި އިސްލާޙުގައި ވަނީ ކަނޑައަޅާފައެވެ. އެއީ 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުމާއި، 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން (ހެރޮއިން) ކަމުގައިވުމާއި، ނުވަތަ ކެނަބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން ކަމުގައެވެ. މީގެ އިތުރުން، އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހަކު އެތެރެކުރި އެއްޗަކަށްވާ ނަމަ، މަރުގެ އަދަބު ދިނުމުގެ ފުރުސަތު އޮންނާނެއެވެ.

