ރައްޔިތުންގެ އެއްވެސް ކަމެއް ދޫކޮށްނުލައްވާ، އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. ރައީސް ވިދާޅުވީ، ކޮންމެ ރައްޔިތަކަށްވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރައްވާކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މާފަންނަކީ އެންމެ ގިނަ މީހުން ދިރިއުޅޭ އަވަށްކަމަށް ވާތީ، އެ ސަރަހައްދުގައި މައްސަލަތައް ގިނަވާނެކަން އެމަނިކުފާނު ގަބޫލުކުރައްވައެވެ. އެހެންކަމުން، އެ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް ތިބީ ތައްޔާރަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިހާތަނަށް ބޭއްވި ކޮންމެ ބައްދަލުވުމެއްގައިވެސް ރައްޔިތުން ހިއްސާކުރައްވާ މައްސަލަތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވައެވެ. އަދި މި މައްސަލަތަކުގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް ހައްލުކޮށްދެއްވާފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ”އެއްވެސް ރިކުއެއްސްޓެއް ދޫކޮށްނުލާ މަސައްކަތްތައް ކުރައްވާނެ،“ ރައީސް ވިދާޅުވިއެވެ.
ރައްޔިތުން ދޭ ސިޓީތަކަށް ވަރަށް ބޮޑަށް އެޓެންޑުކޮށް، އެ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން މާލޭގައި ބޭއްވި ދެ ބައްދަލުވުމުގައިވެސް ރައްޔިތުން ހިއްސާކުރެއްވި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ބައެއް ކަންކަން މިހާރުވެސް ބައެއް ރައްޔިތުންނަށް ހައްލުކޮށްދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވަކިން އެޕޮއިންޓްމެންޓަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެފުރުސަތު ދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

