ކުރީ ސަރުކާރުގައި ފްލެޓު ނުލިބޭނެކަމަށް ނިންމި ފަރާތްތަކަށް، މި ސަރުކާރުން ހިންގާ ފުރަތަމަ ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓު ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި ހިޔާ ފްލެޓު އެގޮތަށް ނުލިބޭނެކަމަށް ކަނޑައެޅި ފަރާތްތަކަށް ވަކި ކެޓަގެރީއެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެެހެންކަމުން އެ ފަރާތްތަކުން ޖެހޭނީ، ހިޔާ ފްލެޓުތަކުން މިދިޔަ ސަރުކާރުގައި ފެލެޓު ނުލިބޭނެކަމަށް ނިންމި ކެޓަގަރީއަށް ފޯމު ހުށަހަޅަންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްފަހާރާ އެންމެނަށް ލިބޭގޮތަށް އެއް ޕްރޮޖެކްޓަކުން ފްލެޓުތަކެއް ނޭޅޭނެކަމަށާއި، ފުރަތަމަ ފަށާ ޕްރޮޖެކްޓުން ވަކި ވަރެއް ކަނޑައަޅާފައި މިވަނީ ފްލެޓު އަތުލި ފަރާތްތަކަށް ދިނުމަށް ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ގުޅިފަޅުން ގޯތި ލިބުނު މީހުންނަށްވެސް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތަކަށް ސަމާލުކަންދެއްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ކަންބޮޑުވުމެއް ނުވަތަ، ހިޔާލެއް ނުވަތަ، މަޝްވަރާއެއް ކަމުގައިވިޔަސް އަދި ޝަކުވާއެއް ނަމަވެސް ރައްޔިތުން އެ ކަންކަން ހުށަހެޅުމަށް އެދޭކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އަޑުއެހުމަކީ ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށާއި، ކޮންމެ ރައްޔިތަކު ވެސް ހުށަހަޅާ ކޮންމެކަމަކީ ވެސް ވަރަށް މުހިންމު ވާހަކަފުޅެއް ކަމުގައެވެ. އަދި މިފަދަ ކޮންމެ ކަމަކަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދީގެން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދޭކަމަށް ވިދާޅުވި އެވެ.

