އިންޑިއާގެ އެންޓަޓެއިންމަންޓް ދުނިޔޭގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ ”ބިގް ބޮސް“ ގެ 19 ވަނަ ސީޒަން ނިމި، އެ ޝޯގެ ތަށި މަގުބޫލު ޓީވީ ސްޓާރ ގޯރަވް ޚަންނާ އުފުލާލައިފިއެވެ. ރޭ ބޭއްވި ޝޯގެ ފިނާލޭގައި، ގޯރަވް ވަނީ އެހެން ފައިނަލިސްޓުންނާ ވާދަކޮށް އެންމެ ގިނަ ވޯޓް ހޯދައިގެން މޮޅުވެފައެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ހޯސްޓްކުރި މި ސީޒަންގައި، ގޯރަވް ޚަންނާގެ ކާމިޔާބީ އަކީ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ނަތީޖާއެކެވެ. އޭނާ ވަނީ ޝޯގެ ތެރޭގައި އެންމެހާ ގޮންޖެހުންތަކާ ކުރިމަތިލާ، ދައްކުވައިދީފައިވާ ހިތްވަރާއި ހުނަރުގެ ސަބަބުން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. މީގެ އިތުރުން ގޯރަވްއަކީ ޓީވީ އިންޑަސްޓްރީގައި މެދު ނުކެނޑި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ތަރިއެކެވެ.
ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ ބިގް ބޮސް ފިނާލޭގައި ޖީކޭ އާއި އެންމެ ކައިރިން ވާދަ ކޮށްފައިވަނީ ފަރްހާނާ ބަޓް އެވެ. ދެވަނަ ރަނަރަޕްގެ މަގާމު ޕްރަނީތް މޯރް ހޯދި އިރު، ތިންވަނަ ރަނަރަޕްގެ މަގާމު ހޯދާފައިވަނީ ތާންޔާ މިއްތަލް އެވެ. މީގެ އިތުރުން، އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒާ އަދި ލަވަކިޔުންތެރިޔާ އަމާލް މާލިކް ވެސް ވަނީ މި ސީޒަންގެ ޓޮޕް 5 ގައި ހިމެނިފައެވެ.
ގޯރަވް ޚަންނާ ”ބިގް ބޮސް 19“ ކާމިޔާބު ކުރުމާއެކު، ޓްރޮފީގެ އިތުރުން އޭނާއަށް ވަނީ 50 ލައްކަ (އިންޑިއާ ރުފިޔާ) އާއި އަގުހުރި ކާރެއްގެ އިނާމު ލިބިފައެވެ. ގާތްގަނޑަކަށް ތިން މަސް ދުވަހަށްވުރެ ގިނަ ދުވަހަށް ދިގުދެމިގެންދިޔަ މި ޝޯގައި، ގޯރަވް ވަނީ އޭނާގެ ޝަޚުޞިއްޔަތާއި އުޅުމުގެ ރީތިކަމުން ގިނަ ބައެއްގެ ހިތްތައް އަތުލާފައެވެ.
މި ސީޒަންވެސް ނިމިގެންދިޔައީ ”ބިގް ބޮސް“ ގެ ތާރީޚުގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބު ސީޒަނެއްގެ ގޮތުގައެވެ.

