ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުން، ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކޮށް، އެހެން ޕާޓީއަކާއި ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ. އޭރު އެންމެ ބޮޑަށް ކުރެވުނު ބަހުސަކީ، އެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާނީ އެ ދާއިރާއަކަށް މެމްބަރު އިންތިހާބު ކުރި ރައްޔިތުން ކަމަށެވެ.
ރައްޔިތުންނާއި ބައްދަލު ކުރައްވައި، ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރިޔަށް ގެންދަވާ ސިލްސިލާ ހަރަކާތުގައި ބައެއް ރައްޔިތުން މި އިސްލާހު ފާހަގަކުރި އެވެ. އަދި މިއީ ރައްޔިތުންގެ ބަހެއް ނުހޯދައި، ރައްޔިތުންނާއި ސީދާ ގުޅުން ހުރިކަމަކަށް ސަރުކާރުން ވަކި ގޮތެއް ނިންމުންކަމަށް ވަނީ ބުނެފަ އެވެ.
ރޭ އޮތް ހެންވޭރު ރައްޔިތުންގެ ބައްދަލުވުމުގައި ރައީސާއި ސުވާލު ކުރި މީހަކު ބުނީ އެ ރައްޔިތުންގެ ވޯޓުން ހޮވާ ދާއިރާގެ މެމްބަރުގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދޭ ގޮތަށް ބަދަލު ކުރީ ރައްޔިތުންގެ ވިސްނުން ނުހޯދައި ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ބާރު ގެއްލުވާލުންކަމަށް ވާތީ، ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ހައްގުތައް ކޮބައިތޯ ސުވާލު ކުރި އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާއި ބައްދަލު ކުރައްވައި މަޝްވަރާކޮށް، ހިޔާލު ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައިވާކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މިހާރު ވެސް ކަނޑައަޅާފައިވާ އެތައް ސިޔާސަތަކަށް ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބޭކަމަށެވެ. އެގޮތުން ވޭޕް މަނާކުރުމާއި، ޖެނެރޭޝަނަލް ބޭން އަދި ޑްރަގުގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އެންމެ ފަހުން ގެނައި އިސްލާހަށް ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިފި ނަމަ އެއަށް 90 އިންސައްތަ ރައްޔިތުން ތާއީދު ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުން ހޮވާފައި ތިބި މަންދޫބުން، އެ މަންދޫބުން ހޮވާފައި މިތިބެނީ ވަކި ގޮތަކަށް.. ވަކި ޕާޓީއަކުން ކުރިމަތި ލަނީ އެހެންވީމަ ވޯޓު ދިނީ.. މިނިވަންކޮށް ކުރިމަތިލަނީ، އެހެންވެ ވޯޓު ދިނީ މިސާލަކަށް.. އެ ބަދަލު ގެންނަންޏާ އެ ރައްޔިތުންގެ ނިންމުމާ ހިލާފަށް ކުރާކަމެއްކަމަށް ވާތީ އެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވުމަށް ގެނައި އިސްލާހެއް އެއީ
އެއަށް ފަހު ގޮނޑީގެ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަންދޫބުން ހޮވާފައި ވަނީ ވަކި ގޮތަކަށް ތިބެން ކަމަށެވެ. އެ މެމްބަރަކަށް ވޯޓު ލިބޭ އެންމެ ބޮޑު ސަބަބަކީ، ވަކި ސިޔާސީ ޕާޓީއަކުން މެމްބަރުކަމަށް ކުރިމަތިލުންކަމަށާއި، މިނިވަން ކެނޑިޑޭޓަށް ވޯޓު ދެނީ ވެސް އެއީ މިނިވަން ކެނޑިޑޭޓަކަށް ވާތީކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ދެން އިތުރު ސިޔާސީ ޕާޓީއަކާއި ގުޅުން ރައީސް ސިފަ ކުރެއްވީ ރައްޔިތުންގެ ނިންމުމާއި ހިލާފަށް އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެހެންކަމުން މި އިސްލާހު ގެނައީ، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާއި ގުޅުން ހުރި ކޮންމެ ނިންމުމެއް ވެސް، ނިންމަވަނީ ރައްޔިތުންގެ ވިސްނުމާއި އިހުސާސްތަކަށް ބަލައި އެކަން ރަނގަޅަށް އެނގިވަޑައިގެން ކަމަށެވެ.

