އެމްގެޕްއަކީ ކުދި ރަށްތަކުގައި ކުރާ ދަނޑުވެރިކަން ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ނިޒާމެއްކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ދަނޑުވެރިން، އެމްގެޕްއަށް އަހުލުވެރިކުރުވުމަށް ބޭއްވި ވޯކްޝޮޕްގައި ދެއްކެވި ވާހަކަގައި މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
މި ވޯކްޝޮޕަކީ ހަމައެކަނި ތަމްރީނު ޕްރޮގްރާމަކަށްވުރެ މާ މުހިންމުކަމެއްކަމަށާއި، މިއީ ޤައުމުގެ ދަނޑުވެރިކަމުގެ ދަތުރުގައި އައި މުހިންމު ބަދަލެއްގެ ފެށުންކަމަށް ފާހަގަކޮށް، މިނިސްޓަރު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ފާހަގަކުރާކަމަށެވެ.
ހަމައެކަނި މިދިޔަ އަހަރަށް ބެލި ކަމުގައި ވިޔަސ،ް ޕީޑީއެސްއޭއީ މަޝްރޫޢުގެ ދަށުން 50 ދަނޑުވެރިން ތަމްރީނުކުރެވިފައިވާކަމަށާއި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށ،ް ށ.ގޮއިދޫ އައިލެންޑް ފާމާސް ފޯރަމްގެ 10 މެމްބަރުން ވަނީ ގޮންޖެހުންތައް ގިރާކޮށް އެމް.ގެޕް އޮޑިޓް ކާމިޔާބުކުރައްވައި ސެޓުފިކެޓު ހޯއްދަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއާއެކު ށ. ގޮއިދޫ ވެފައިވަނީ ދިވެހިރާއްޖޭގައި އެމްގެޕްގެ 5 މޮޑިއުލްއާއިއެކު ސެޓުފިކެޓު ލިބުނު ފުރަތަމަ ރަށަކަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ކާމިޔާބީތަކުން ދައްކުވައިދެނ،ީ ހިތްވަރާއެކު މަސައްކަތްކޮށް، އެކަށީގެންވާ އެހީތެރިކަމާއި ވަރުގަދަ ގުޅުމެއް އޮތްނަމަ، އެމްގެޕް ސެޓުފިކެޓުވެސް ހާސިލުކުރެވޭނެކަންކަމަށެވެ. ނަމަވެސް އެހާ ހިސާބުން މަސައްކަތް ނިމުނީ ނޫންކަމަށާއި، ކޮންމެ ބޭފުޅަކު ވެސް ރަށަށް އެނބުރި ވަޑައިގަންނަވަން ވާނީ ހެޔޮ ބަދަލު ގެނުވާނޭ ސަފީރެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. މިކަމުން ލިބިފައި މިވަނީ ދަނޑުވެރިކަމުގެ ދާއިރާ ބަދަލުކުރެވިދާނެ ގޮތެއްގެ ތަޞައްވުރުކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ކޮންމެ ގޭބިސީއެއްގެ ކޮންމެ ސުފުރާއަކަށް ރައްކާތެރި ކާނާ ފޯރުކޮށްދެވިދާނޭ ގޮތްތައްވެސް މިކަމުން ދަސްވެގެން ގޮސްފައިވާކަމަށެވެ. އަދި ދަނޑުވެރިންނަށް ލިބޭ އާމްދަނީއިން ފުދުންތެރި ދިރިއުޅުމެއް ހޯދޭނޭ މަގުތައްވެސް ދަސްވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.
މިއީ ދިވެހިރާއްޖޭގެ ނާޒުކުތިމާވެށި ރައްކާތެރިކަންމަތީ ބޭއްވޭނޭ ފަދަ ދަނޑުވެރިކަމުގެ އުކުޅުތައްކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމްގެޕްއަކީ ހަމައެކަނި ކަރުދާހުގައިވާ ޝިއާރުތަކެއް ނޫންކަންކަމަށާއި، މިއީ ދަނޑުވެރިންނަށް ލިބޭ ޝަރަފެއްކަމަށެވެ. މިކަމުގެ ސަބަބުން ރަށްރަށަށް މޫސުމީ ބަދަލުތަކުން އަތުވެދާނެ ނުރައްކަލުން ސަލާމަތްވާން ހިތްވަރު ލިބޭކަމަށާއި، މިއީ ކުދި ރަށްތަކުގައި ކުރާ ދަނޑުވެރިކަން ވެސް ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ނިޒާމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

