ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ޒަމާނީ ފެންވަރުގެ އާ މަސްމާރުކޭޓެއް މާލޭގައި އެޅުމުގެ މަސައްކަތް ކޮށްދޭން އެއްބަސްވެފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ކަލާފާން ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާގައެވެ. ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ފެށި އާ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް އެކި ސަބަބުތަކާ ވަނީ ހުއްޓިފައެވެ. މި މައްސަލައަށް ހައްލު ގެނައުމަށް ކުރި މަޝްވަރާގެ ތެރެއިން ޖަޕާން ސަރުކާރުން އެ މަސައްކަތް ކޮށްދޭން އެއްބަސްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަސައްކަތް ފެށުމަށްޓަކައި ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެކަމަށާއި، އާ މަސްމާރުކޭޓު އަޅާނީ ކުރިން ވެސް ޕްލޭންކޮށްފައި އޮތް ގޮތަށް ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފާހަގަކުރެއްވީ، މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި ޖަމިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އިމާރާތެއް އެޅުމަށްވެސް ތައްޔާރުވަމުން އަންނަކަމަށެވެ.
އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، މާލޭގައި ޒާމާނީ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވިއެވެ. އެ ތަނުގައި ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް މަޝްވަރާކޮށް، ހަމަޖައްސާފައިވެއެވެ. އަދި އަށް ފަހު، ދަތުރުވެރިންގެ މާރުކޭޓާއި މަސްމާރުކޭޓު ވެސް އާ އިމާރާތަށް ބަދަލުކުރާ ގޮތަށް ނިންމިއެވެ. މާލޭ ސިޓީ ކައުންސިލުން އޭރު ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މާރުކޭޓް ހަދަން ބަޔަކާއެކު ސޮއިވެސް ކުރިއެވެ. މިކަން ހުއްޓެން މެދުވެރިވީ ޕްލޭނިން މިނިސްޓްރީން މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސް ނުކުރުމުންނެވެ.

