ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހއ. ހޯރަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ވަޙީދު ތިން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑު ކޮށްފިއެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމަށް އެލްޖީއޭއިން ނިންމާފައިވަނީ ހޯރަފުށީ ކައުންސިލާ ގުޅިގެން ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް އެލްޖީއޭއިން ތަހުގީގުކުރުމަށްފަހުގައެވެ.
މައްސަލަ ބެލިގޮތާއި އެޅުނު ފިޔަވަޅު
އެލްޖީއޭއިން މައުލޫމާތި ދިން ގޮތުގައި ހޯރަފުށީ ކައުންސިލާ ގުޅިގެން ހުށަހެޅުނު މައްސަލަތަކެއް ބެލުމަށް އެލްޖީއޭއިން ވަނީ ތަހުގީގެއް ހިންގާފައެވެ. މި ތަހުގީގު ހިންގުމުގެ ހުއްދަ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު ދެއްވީ 29 ޖޫންގައެވެ.
އެލްޖީއޭއިން ބުނިގޮތުގައި، މި ތަހުގީގަށްފަހު ކައުންސިލުގެ ރައީސް ވަޙީދު މަގާމުގެ މަސްއޫލިއްޔަތުތަކުން މުސާރަ ނުލިބޭގޮތަށް ވަގުތީގޮތުން ދުރުކުރަން ނިންމީ، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމުގެ އެންމެ އިސް ޒިންމާ ރައީސަށް އޮތްއިރު، އެ ޒިންމާއިން އެބޭފުޅާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައިނުވާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.
މީގެ އިތުރުން، އެލްޖީއޭއިން ވަނީ މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާފައި، ދެން ތިބި ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ވެސް ނިންމާފައެވެ. މި މައްސަލާގައި ޖަވާބުދާރީވުމަށް ކައުންސިލުގެ މެންބަރުންނަށް ހަތް ދުވަހުގެ މުއްދަތެއް ވެސް ވަނީ ދީފައެވެ.
ތަހުގީގު ކުރެވުނު މައްސަލަތަކުގެ ތަފްސީލު
ހޯރަފުށީ ކައުންސިލާ ގުޅިގެން އެލްޖީއޭއިން ބެލި މައްސަލަތައް ވަރަށް ގިނައެވެ. ޖުމްލަ އަށް މައްސަލައެއް ބެލިފައިވާއިރު، އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބިން ދޫކުރުމުގެ މައްސަލަތަކާއި، މާލީ ގަވާއިދުތަކާ ޚިލާފުވުމުގެ މައްސަލަތައް ހިމެނެއެވެ.
އެގޮތުން، ’ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް‘ ކިޔާ ކުންފުންޏަކަށް 5000 އަކަފޫޓުގެ ބިމެއް ދީފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއަކީ މީގެ ތެރެއިން އެއް މައްސަލައެވެ. މީގެ އިތުރުން، އެލްޖީއޭއިން ބެލި މުހިންމު މައްސަލަތަކުގެ ތެރޭގައި މިއަހަރު ބޭއްވި ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތް ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަރަދުކުރުމާއި، ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ޚިލާފަށް ރަށުގެ ގޯތިތަކަށް އިންވެގެން އޮންނަ ހުސް ބިންތައް އިތުރުކޮށްދިނުމުގެ މައްސަލަތައް ހިމެނެއެވެ.
ހަމައެހެންމެ މާލިއްޔަތު ގަވާއިދާ ޚިލާފަށް 2023 ވަނަ އަހަރު ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަތުމާއި، އީދު ކުޅިވަރާއި ސްޓޭޖު ކަންކަމަށް މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަރަދުކުރުމުގެ މައްސަލަތައް ވެސް ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، ކައުންސިލުގެ ޕްރޮކިއުމަންޓް ކަންކަމުގައި އުޅޭ މުވައްޒަފުން ބިޑް ކޮމެޓީގައި ތިބުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހޯދަން އެދޭ މަޢުލޫމާތު ފޯރުކޮށްނުދިނުމުގެ މައްސަލަތައް ވެސް ހިމެނެއެވެ. މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވުމުން، ކައުންސިލުގެ ރައީސްގެ ޒިންމާދާރުކަމާ މެދު ސުވާލު އުފެދި، ފިޔަވަޅު އެޅުން ލާޒިމުވީ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.
އެލްޖީއޭގެ އިތުރު ނިންމުންތައް
ކައުންސިލުގެ ރައީސް ސަސްޕެންޑުކުރުމުގެ އިތުރުން، އެލްޖީއޭއިން ވަނީ އެ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ލަފާދީފައިވާ ގޮތަށް ކަންކަން ކުރުމަށް ކައުންސިލަށް އިރުޝާދު ދީފައެވެ. އަދި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ، އެކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް، އެ މައްސަލައަކާ ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

